ހުރުމުޒު ކަނޑުއޮޅީގެ އަސްކަރީ އަދި ސްޓްރެޓީޖިކް ބޭނުން ފުރިހަމަގޮތުގައި ހިފާނަން: އީރާން

ތެހެރާން (02 ޖުލައި 2026): ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް އެއްވެސް ހާލަތެއްގައި ދެން ދޫކޮށްނުލާނެ ކަމަށާއި އެ ކަނޑުއޮޅީގެ އަސްކަރީ އަދި ސްޓްރެޓީޖިކް ބޭނުން ފުރިހަމަ ގޮތުގައި ހިފާނެކަމަށް އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާޒިމް ޣަރީބު އާބާދީ ވިދާޅުވެއްޖެއެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަނެއްގައި ކާޒިމް އާބާދީ ވިދާޅުވީ ހުރުމުޒު ކަނޑުއޮޅީގެ ބޮޑުބައި ވަނީ އީރާނުގެ ސިޔާދަތު ހިނގާ ޓެރަޓޯރިއަލް ވޯޓާގެ ތެރޭގައި ކަމުގައެވެ. އަދި އެކަނޑުއޮޅި އޮތީ އެމެރިކާއާ 10 ހާސް ކިލޯމީޓަރު ދުރުގައި ކަމުގައެވެ. އެހެންކަމުން އެތަނަށް އެމެރިކާ ސިފައިން ބާރު ހިންގުމުގެ ފުރުސަތު އީރާނުން ނުދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި އެމްއޯޔޫގައި ދާއިމީ އެއްބަސްވުމަކަށް ދިޔުމަށް ދީފައިވާ 60 ދުވަހުގެ ތެރޭގައި އެފަދަ އެއްބަސްވުމަކަށް ނާދެވިއްޖެ ހާލަތެއްގައި އީރާނުގެ ތެލުގެ ވިޔަފާރިއަށް އަލުން ހުރަސްއަޅަން އެމެރިކާ ނިންމައިފިނަމަ ހުރުމުޒު ކަނޑުއޮޅި އެއްކޮށް ބަންދުކޮށް އެތަނުން އެންމެ ތެޔޮ ފީފާއެއްވެސް ބޭރުވުމުގެ ފުރުސަތު ނުދޭނެކަމަށް އާބާދީ ވިދާޅުވިއެވެ. "އީރާނަށް ތެޔޮއެކްސްޕޯޓް ކުރުމުގެ ފުރުސަތު ނުދީ ހުރުމުޒު ކަނޑުއޮޅިން އެއްމެ ތެޔޮ ފީފާއެއްވެސް ބޭރުނުކުރެވޭނެ" އާބާދީ ވިދާޅުވިއެވެ. 60 ދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ޓޯލްފީ ނެގުމުގެ މަސައްކަތްވެސް އީރާން ފަށާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އީރާނުގެ އަސްކަރީ ތަރުޖަމާން އިބްރާހީމް ޒުލްފިގާރީ އެމެރިކާއާއި އީރާންއާ ދެމެދު ސޮއިކުރި އެމްއޯޔޫގެ ދަށުން އެމެރިކާވަނީ އީރާނުގެ ތެލާއި ގޭސް އެކްސްޕޯޓް ކުރުން ހުއްޓުވުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް 60 ދުވަހުގެ މުއްދަތަށް މެދުކަނޑާލާފައެވެ. މިއާއެކު އީރާންވަނީ 60 ދުވަހުގެ މުއްދަތަށް ހުރުމުޒު ކަނޑުއޮޅި ހުޅުވާލާފައެވެ. ޓޯލްފީ ނެގުންވެސް އެމުއްދަތަށް ހުއްޓާލާފައެވެ. މިހާރު އީރާން އާއި އެމެރިކާއާ ދެމެދު ޖެހިގެންއުޅޭ މައިގަނޑު މައްސަލައަކީ އެމެރިކާ ހިފަހައްޓާފައިވާ އީރާނުގެ އެތައް ބިލިޔަން ޑޮލަރެއްގެ ފައިސާ ގެ މައްސަލައެވެ. އެމްއޯޔޫ ގައިވާގޮތުން މިފައިސާގެ ތެރެއިން 12 ބިލިޔަން ޑޮލަރު އީރާނަށް ދޭނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ފުރުސަތު އައިއޭއީއޭގެ އިނިސްޕެކްޓަރުންނަށް ދިނުމުންނެވެ. އީރާން މިކަމަށް ދެކޮޅެއް ނުހަދައެވެ. ނަމަވެސް އީރާން ބުނާގޮތުން އައިއޭއީއޭގެ އިނިސްޕެކްޓަރުންނަށް ވަދެބަލައި ފާސްކުރުމުގެ ފުރުސަތު ދޭނީ އެމެރިކާއާއި އިސްރާއީލު ހަމަލާނުދޭ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އެކަންޏެވެ. އެމެރިކާއާއި އިސްރާއީލު ބޮންއަޅާފައިވާ ނިއުކްލިޔާ މަރުކަޒުތަކަށް އިނިސްޕެކްޓަރުން ނުވެއްދޭނެއެވެ. އެއީ އެތަންތަނަށް ލިބިފައިވާ ގެއްލުންތަކުގެ މިންވަރު އިނިސްޕެކްޓަރުން މެދުވެރިކޮށް އެމެރިކާއާއި އިސްރާއީލަށް އެނގޭނެތީއެވެ. އީރާނުގެ ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އީރާންއާއެކު އެމްއޯޔޫ އެއްގައި އެމެރިކާ ސޮއިކުރީ އަޑިނުބައި ނިޔަތެއް އޮވެގެންނެވެ. ފަހުން އުދުވާން ފެށުމުގެ ރޭވުމެއް އޮވެގެންނެވެ. މިއެމްއޯޔޫ އުވާލުމަށްފަހު އެމެރިކާއާއި އިސްރާއީލުން ކޮންމެ ވަގުތަކުވެސް އީރާން އާ ދެކޮޅަށް ހަނގުރާމަ ފަށާފާނެކަމަށް އީރާނުގެ ގިނަބަޔަކު ދެކެއެވެ. އެހެންކަމުން އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި ގެއްލުން ލިބުވަރާއި ނުލިބޭވަރު އެދެގައުމަށް އެނގޭފަދަ އެއްވެސް ކަމެއް އީރާން ކޮށްގެންނުވާނެ ކަމަށް މިފަރާތްތަކުން ދެކެއެވެ. އެމެރިކާއާއެކު އެއްބަސްވުމަކަށް ދިޔުމާމެދު އީރާން ސަރުކާރުގެ ތެރޭގައިވެސް ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. އެއީ އެމެރިކާގެ މަކަރުވެރިކަމުގެ ސަބަބުން އެމެރިކާއަށް އިތުބާރު ނުކުރެވޭތީއެވެ. އެމެރިކާއާއެކު އެމްއޯޔޫގައި ސޮއިކުރުމަށް ތާއީދުކުރާ އީރާނުގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވާ އީރާނަށް ފަސޭހަކާއެކު ތެލާއި ގޭސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު މިހާރު މިލިބުނީ މިއެއްބަސްވުމުގެ ސަބަބުންނެވެ. މި ހާލަތާއެކު އީރާންވަނީ ގިނަ އަދަދަކަށް ތެޔޮ އެކްސްޕޯޓް ކުރަން ފަށާފައެވެ. މި އެމްއޯޔޫގައި ސޮއިކުރުމުން އެމެރިކާވަނީ އަރަބި ކަނޑުގައިވާ އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް އުވާލައި އަދި އީރާނުގެ ތެޔޮ އެކްސްޕޯޓްކުރުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައްވެސް 60 ދުވަހަށް އުވާލާފައެވެ. ބަދަލުގައި އީރާން ކުރަންޖެހުނު ކަމަކީ ހުރުމުޒު ކަނޑުއޮޅި ހުޅުވާލުމެވެ. އެމެރިކާ ހިފަހައްޓާފައިވާ އީރާނުގެ އެތައް ބިލިޔަން ޑޮލަރެއްގެ ތެރެއިން 12 ބިލިޔަން ޑޮލަރު ދޫކުރުމާބެހޭގޮތުން އެމެރިކާއާއި އީރާނުގެ އައު މަޝްވަރާތަކެއް އިއްޔެ ގަތަރުގައިވަނީ ބާއްވާފައެވެ. މިމަޝްވަރާތަކުގައި އީރާންވަނީ އެމެރިކާގެ ވަފްދުގެ ބޭފުޅުންނާ ސީދާގޮތެއްގައި ބައްދަލުކޮށް ވާހަކަ ދެއްކުމަށް ދެކޮޅު ހަދާފައެވެ. އެހެންކަމުން ވާހަކަތައް ކުރިޔަށްދިޔައީ ގަތަރާއި ޕާކިސްތާނުގެ އޮފިޝަލުން މެދުވެރިއަކަށް ވެގެންނެވެ. މި ވާހަކަތަކުން ފާހަގަކުރެވޭ ވަރުގެ ކުރިއެރުމެއް ލިބިފައިވާކަމަށް ގަތަރުގެ ޚާރިޖީ ވުޒާރާއިންވަނީ ހާމަކޮށްފައެވެ. ނަމަވެސް ތަފްސީލެއް ނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ