އިންގްލެންޑް މެކްސިކޯ މެޗު ޓިކެޓުގެ އަގު 2,600 ޕައުންޑުން މައްޗަށް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި މެކްސިކޯއާ ދެކޮޅަށް އިންގްލޭންޑް ކުޅޭ މެޗުގެ އެންމެ އަގުހެޔޮ ޓިކެޓުގެ އަގު 2,600 އިނގިރޭސި ޕައުންޑަށް އަރައިފިއެވެ. ފީފާގެ ރީސޭލް ސައިޓުގައި ޓިކެޓްތަކުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ބުދަ ދުވަހު ޑީއާރު ކޮންގޯ އަތުން 2-1 އިން މޮޅުވެ، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯއާ ދެކޮޅަށް އެސްޓާޑިއޯ އަޒްޓެކާގައި ކުޅޭ މި މެޗުގެ ޓިކެޓަށް ބޮޑު ޑިމާންޑެއް ވަނީ އުފެދިފައެވެ. މެކްސިކޯ ސިޓީގައި ކުޅޭ މެޗުތަކަށް އޮތް ޑިމާންޑް ބޮޑުވެ، ޓިކެޓް ލިބުން ދަތިވުމުގެ ސަބަބުން އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. މެޗު ރަސްމީކޮށް ފެށުމުގެ ކުރިން އިންގްލޭންޑް ސަޕޯޓަރުންނަށް ދޫކުރި 4,000 ޓިކެޓް ޖެނުއަރީ މަހު އެއްކޮށް ވިކި ހުސްވެފައިވާއިރު، ފީފާއިން އިތުރު ޓިކެޓެއް ދޫނުކުރާނެތީ ސަޕޯޓަރުންނަށް މިހާރު އޮތް ހަމައެކަނި ފުރުސަތަކީ ބޮޑު އަގުގައި ރީސޭލް ސައިޓްތަކުން ޓިކެޓް ގަތުމެވެ. މެޗުގެ ކުރިން ރީސޭލް ސައިޓުގައި އެންމެ 250 ޓިކެޓް ލިސްޓްކޮށްފައި އޮތް ނަމަވެސް، އިންގްލޭންޑް މޮޅުވި ފަހުން އެ އަދަދު ވަނީ 429 އަށް އަރާފައެވެ. މީގެ ތެރެއިން އަސްލު ފޭސް ވެލިއު ނުވަތަ އަސްލު އަގަކަށް 224 ޕައުންޑް ހުރި "ސަޕޯޓާ ވެލިއު' ޓިކެޓެއް ފީފާގެ ފީއާއެކު މިހާރު ވިއްކަނީ 2,622 ޕައުންޑަށެވެ. ފީފާގެ ރީސޭލް ޓިކެޓު އަގުތަކާއި ކެޓަގަރީތައް-- މިއީ އޭގެ އަސްލު އަގަށްވުރެ 12 ގުނަ ބޮޑު އަދަދެކެވެ. މީގެ އިތުރުން، ކެޓެގަރީ 4 ގެ 129 ޕައުންޑުގެ ޓިކެޓެއް 3,933 ޕައުންޑަށް ވަނީ އަރާފައެވެ. މިއީ 30 ގުނަ ބޮޑު އަދަދެކެވެ. މީގެ އިތުރުން 1,212 ޕައުންޑަށް ހުރި އެންމެ އަގުބޮޑު ކެޓެގަރީ 1 ގެ ޓިކެޓެއް މިހާރު އުޅެނީ 4,488 ޕައުންޑަށެވެ. ބައެއް ތަންތަނުގައި ކެޓެގަރީ 1 ގެ ޓިކެޓެއް ފީއާއެކު 27,000 ޕައުންޑަށްވުރެ މަތިންވެސް ލިސްޓްކޮށްފައިވެއެވެ. އަމިއްލަ މާކެޓްޕްލޭސްއެއް ކަމަށްވާ "ސީޓްގީކް" ގައިވެސް އެންމެ އަގުހެޔޮ ޓިކެޓެއް އުޅެނީ ފީއާއެކު 2,954 ޕައުންޑަށެވެ. ޓިކެޓްގެ އަގުތައް މިހާ ބޮޑުވި ނަމަވެސް، އެމެރިކާއާ އަޅާބަލާއިރު މެކްސިކޯ ސިޓީގެ ހޮޓާ އަގުތައް ވަރަށް ހެޔޮކަމަށާއި، ދެ ރެޔަށް 80 ޕައުންޑަށްވުރެ ކުޑަ އަގެއްގައި ކޮޓަރި ލިބެން އެބަހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. ފީފާ ވޯލްޑް ކަޕުގެ ގަދަ 16 ބުރުގައި މެކްސިކޯއާއި އިންގްލެންޑް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ރާއްޖެގަޑިން މެންދަމު 05:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ