ސްކޫލަށް ނުދާ ދަރިވަރުން ގިނަ، މިދުވަސްވަރު 8،000 ދަރިވަރުން ސްކޫލަށް ނުދޭ: މިނިސްޓަރު

ސްކޫލަށް ނުދާ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް ވިދާޅުވެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ނަތީޖާ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ސްކޫލަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. ނަމަވެސް މިދުވަސްވަރު ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަން ފާހަގަވެފައިވާ ކަމަށާއި އަދި އެއީ ކަންބޮޑުވާންޖެހޭ ކަމެއް ވެސް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ. 
"އަޅުގަނޑުމެން ބެލެނިވެރިން، މުދައްރިސުން، އެންމެންގެ ލެވެލްގައި ވެސް މިކަމާ ދޭތެރޭ ވިސްނަން އެބަޖެހޭ. ހާއްސަކޮށް ބެލެނިވެރިން ވިސްނަން އެބަޖެހޭ. އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އަށެއްކަ ހާސް ދަރިވަރުން ސްކޫލަށް ނުދިއުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވި ގޮތުގައި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ 40 ޕަސެންޓަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނެވެ. އަދި ސްކޫލަށް ހާޒިރު ނުވެ، ފިލާވަޅުތައް ގެއްލޭނަމަ ނަތީޖާއަށް އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކޫލަށް ނުދާ ދަރިވަރުންނަކީ ކޮބައިތޯ ބަލަމުންދާކަން ފާހަގަ ކުރައްވައި، ޝަފީއު ވިދާޅުވީ މީގެ ކުރިން ސްކޫލަށް ވަކި އަދަދެއްގެ ކުދިން ނުދާނަމަ މިނިސްޓްރީއަށް އެކަން ރިޕޯޓް ކުރާނެ ކަމަށެވެ. ނަމަވެސް މިހާރު ކޮންމެ ދުވަހަކު ވެސް ސްކޫލަށް ނުދާ ކުދިންނާއި ސްކޫލަށްދާ ކުދިންގެ އަދަދު ވަކިން ބަލަމުންދާ ކަމަށް ޝަފީއު ވިދާޅުވި އެވެ.
އެކަން ހައްލުކުރަން ޖެހޭކަން ފާހަގަ ކުރައްވައި، ޝަފީއު ވިދާޅުވީ ސްކޫލަށް ނުދެވޭ ކޮންމެ ދުވަހަކީ ދަރިވަރުގެ އުނގެނުމަށް ނުބައި އަސަރު ކުރާނެ ކަމެއް ކަމަށެވެ. އަދި އެކަން ތަކުރާރުވާނަމަ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ހިތްވާނެ ކަމަށާއި އަދި އެފަދަ ހާލަތެއްގައި ބެލެނިވެރިންނަށާއި ޓީޗަރުންނަށް ވެސް ކުރިމަތިލާން އުނދަގޫވާނެ ކަމަށް ވެސް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.
ދަރިވަރުން ސްކޫލަށް ދާ މިންވަރު ބެލުމަށް މިދިޔަ މަހު ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި އޭގެ ސަބަބުން ދަރިވަރުން ސުކޫލަށް ހާޒިރުވާ މިންވަރު ވަޒަން ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ