ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ހުށަހެޅި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ނަގާ ޑިއުޓީއަކީ، 4/- ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 އިންސައްތަ ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.
މީގެއިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭގޮތަށް ވެސް ވަނީ ކަނޑައަޅުއްވާފައެވެ.
މި ގެނެވުނު ބަދަލާއެކު، ދައުލަތުގެ ބަޖެޓަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެ ކަމަށް ކުރިން ލަފާކުރި އާމްދަނީ ދަށްވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، މިއީ އިޤްތިޞާދީގޮތުންނާއި އާންމު ހާލަތަށް ރިޢާޔަތްކޮށް ގެނެވުނު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ސަރުކާރު ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އެ އިޞްލާޙު ހުށަހެޅީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. މި ބިލު އެ ހަފުތާގެ ބުދަ ދުވަހު ބަލައިގަނެ، ދިރާސާކުރަން ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ. ނަމަވެސް، ބިލަށް މާ ބޮޑު ބަދަލެއް ނުގެނެސް، ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެއާއެކު އިއްޔެގެ ޖަލްސާގައި، ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާޤުން ބިލު ވަނީ ފާސްކޮށްފައެވެ.
ޤާނޫނު ތަޞްދީޤުކޮށް، ސިނގިރޭޓްގެ ޑިއުޓީ ކުޑަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ