ކީސްޓޭޖާއި އޯލެވެލް ހެދި ކުދިން ވެސް ހިސާބު މާއްދާއަށް ދަށް: މިނިސްޓަރު

ކީސްޓޭޖްތަކުގެ ދަރިވަރުންނާއި މި ފަހުން އޯލެވެލް ހެދި ދަރިވަރުންގެ ނަތީޖާ ވެސް ވަރަށް ދަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ކީސްޓޭޖް-3 2025 ގެ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް ރިޕޯޓް އާންމުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކުރިން ހަދާފައިހުރި އެސެސްމަންޓުތަކުން ހިސާބު މާއްދާގެ ނަތީޖާ ދަށްކަން ފާހަގަވެފައިވާ ކަމަށެވެ.
އެކަން ހައްލުކުރުމަށް ހިސާބު ޓީޗަރުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ކީސްޓޭޖް 1ގެ މަންހަޖަށް ގެންނަ ބަދަލުތަކާއެކު ހިސާބު މާއްދާއަށް ކަނޑައަޅާފައިވާ ވަގުތު އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނޭޝަނަލް އެސެސްމެންޓް އޮފް ލާނިން އައުޓްކަމްގެ ނަތީޖާތަކަށް ބަލާއިރު ކީސްޓޭޖް 1 އަދި ކީ ސްޓޭޖް 2ގެ މާއްދާގެ [ހިސާބު] ނަތީޖާ ދަށް. އެކި ބައްދަލުވުންތަކުގައި އަދި ރައްޔިތުންނާއި ދާއިރާގެ މެމްބަރުންނާއި ޓީޗަރުންނާއި ޕްރިންސިޕަލުންނަށް ވެސް ވާނީ އެ ވާހަކަ ހިއްސާކޮށްފައި،" ޝަފީއު ވިދާޅުވި އެވެ.
"ކީ ސްޓޭޖް 3ގައި ވެސް ފެނިގެން މި ދިޔައީ ހަމަ ދަށްކަން. އެއާއެކު އައިޖީސީއެސްއީ އަދި އޯލެވެލްގެ ނަތީޖާއަށް ބަލާއިރު ވެސް ހިސާބު މާއްދާގެ ނަތީޖާ ދަށް." އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ދަރިވަރުން ހިސާބު މާއްދާއަށް ޝައުގުވެރިވާނެ ފަދަ ގޮތަކަށް ފޮތްތައް އަލުން ހެދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށް ވެސް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.
ސްކޫލުތަކުގައި ދަރިވަރުންނަށް ދިވެއްސާއި އިސްލާމް އަދި ހިސާބު މާއްދާއަށް ދަށްވުމުން ކިޔަވައިދޭ ވަގުތު އިތުރުކުރަން މިނިސްޓްރީން ކުރިން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ