މުންބަރ ޝުޖާއުއެވެ. ސައިޒަށްވުރެ ބޮޑު ބޫޓަކަށް އަރާހުރެ މޮޔަ ނުގޮވާށެވެ. ތިޔަ ހުރެވެނީ ހަމަ ބިމަކުނޫނެވެ. ހަމަތެދެކެވެ. ރައްޔިތުން ތިބިއްޔަކީ "ހެޕީ" ކޮށެއް ނޫނެވެ. ވޭނާ ކެކުޅުމުގައެވެ. ހިތްދަތިކަމާއި ހާސްކަމުގައެވެ. ހަގީގަތަށް ވާހަކަ ދައްކާށެވެ. އެންމެނަކު ކަނެއް ނޫނެވެ. ބީރެއް ނޫނެވެ. މަންމަނެއްވެސް ނޫނެވެ.
ނިކަން ބުނެ ބަލާށެވެ. ދިވެހީންގެ ރާއްޖެއާއި ދިވެހީންގެ ރާއްޖެ ތަފާތީ ހެއްޔެވެ. ހަމަ ގައިމުވެސް ދިވެހިރާއްގެ ގިނަ ރައްޔިތުން އުޅެނީ ބޭސްލިބުމުގެ އިންތިހާ ދަތިކަމެއްގައެވެ. ޑޮކްޓަރުން ލިޔެދޭ ބޭސް ސިޓީން ގިނަ ބޭހެއް ރާއްޖެއަކުން ނުލިބެއެވެ. ވަރަށް އަސާސީ ބޭސްތައްކަމުގައިވާ ބައެއް ކަހަލަ އެންޓިބައިޓިކް ފަދަ ބޭސް ނުލިބިގެން އުޅެނީ މަދެއްކޮށް ނޫނެވެ. ބޭސް ސިޓީ ލިއުއްވާ ބަލިމީހުންގެ ތެރެއިން 90 ޕަސެންޓް މީހުންގެ ބޭސް ސިޓީގައިވާ ހުރިހާ ބޭހެއް އާސަންދައިން ނުލިބޭތާ ގަންނަންވެސް ލިބެން ނުހުރެއެވެ. އެކަމަކުވެސް ތިޔަ ބުނަނީ ބޭސްލިބި އުފަލުން ތިބޭކަމަށެވެ.
ނިކަން ބުނެ ބަލާށެވެ. ބޭންކް ރޭޓުގައި ޑޮލަރު ގަންނަން ލިބޭނަމަ ވިހި ރުފިޔާއަށްވުރެ އަގު ބޮޑުކޮށް ޑޮލަރު ގަންނަނީ ލާރި ގިނަވެގެން ހެއްޔެވެ. ސަރުކާރުގެ ހަރަދުގައި ބޭރުގައި ކިޔަވަން ތިބި ކުދިންނަށް ސަރުކާރުން ފޮނުވަންޖެހޭ ޑޮލަރވެސް ކަނޑައެޅިފައި އޮންނަ ގޮތަށް ގައވައިދުން ނުފޮނުވެއެވެ. ލިބެންޖެހޭ ތާރީހަށް ސަރުކާރުން ފައިސާ ނުފޮނުވައިގެން އެތައް ކުދިންނެއް ރާއްޖޭން ބޭރުގައި ހާލުގައިޖެހި ދާންނުޖެހޭ އެތައް ހަރަދެއް އެބަދެއެވެ. މީހުނަށް ރޮއި އަދޭސްކޮށް ދަރާވިކިގެން ބޭރުގައި ކިޔަވަން ތިބި ކުދިންގެ ކަންކަން ހަމަ ޖައްސަން މަޖުބޫރުވެ ގޮތް ހުސްވެފައި ތިބީ އެތައް އާއިލާއެކެވެ. އެކަމަކުވެސް ތިޔަ ބުނަނީ އުފަލުން ތިބޭ ކަމަށެވެ.
ނިކަން ބުނެ ބަލާށެވެ. އާސަންދަ ނުލިބިގެން ނުވަތަ އާސަންދަ ކަވަރު ނުކޮށްގެން ފަރުވާ ނުލިބިފައި އެތައް ރައްޔިތަކު ބޭރު ހޮސްޕިޓަލް ތަކުގައި ތިބިކަން އެނގޭ ހެއްޔެވެ. ބަރުދަން މަތިކަމުން ކެންސަރަށް ފަރުވާ ނުކުރެވިފައި އޮތް ބަލިމީހާ ބަރުދަން ލުއިކުރުމަށް ކުރަންޖެހޭ ފަރުވާ އާސަންދައިން ކަވަރުނުކޮށްގެން ކެންސަރު ފަރުވާ ކުރިއަށް ނުގެންދެވި ބަލިމީހާގެ ހާލު ސީރިއަސްވެ ފުރާނައަށް ނުރައްކާ ވިޔަސް އާސަންދަ ނުދޭކަން އެގޭ ހެއްޔެވެ. ވަކި ބައްޔަކަށް ހާއްސަ ޑޮކްޓަރަކަށް ނުދެއްކި ހޮސްޕިޓަލްގެ ދިގު ކިޔުގައި ދެމަސް ތިންމަސްވެގެން ދާއިރު ފަރުވާ ނުކުރެވި ބަލިމީހާގެ ހާލު ދެރަވެގެން ދާއިރު ރާއްޖޭން ކުރެވޭ ކަމަކަށް ވެގެން އާސަންދައިން ބޭރަށް ފޮނުވާނުދީގެން އެތައް ބަލިމީހުންގެ ފުރާނައަށް ނުރައްކާވެފައިވާކަން އެނގޭ ހެއްޔެވެ. އެކަމަކުވެސް ތިޔަ ބުނަނީ އެންމެން އުފަލުން ތިބި ވާހަކައެވެ.
ނިކަން ބުނެ ބަލާށެވެ. ޕަބްލިކް ސެކްޓަރ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަދެ ސްޕަރމާރޓް ހިންގާ، އައިނު ހަދާ ކުލިނިކު ހިންގާ ހިސާބަށް ސަރުކާރު ދިޔައިމާ ކުދި އަދި މެދުފަންތީގެ އެތައް ވިޔަފާރިއެއް ފުނޑި ބަނގުރޫޓް ވެއްޖެއެވެ. ޑޮލަރުގެ އަގު ބޮޑުވެ މުދާލިބުން ދަތިވެ އަމިއްލަ މީސްމީހުން ގެދޮރުހެދުން އިންތިހާއަށް މަދުވެއްޖެއެވެ. އިމާރާތް ކުރުމުގެ މަސައްކަތް ކުރާ މަސައްކަތްތެރިން ތިބީ ކުރެވޭނެ ކަމެއް ކުރާނެ ކަމެއްނެތި އަތް އުރާލައިގެންނެވެ. ނަތީޖާއެއްގެ ގޮތުން އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓި އަނގަޔާ އަތެއް ދިމައެއް ނުވެއެވެ. އެކަމަކުވެސް ތިޔަ ބުނަނީ ދިވެހިން އުފަލުން ތިބިކަމަށެވެ.
ނިކަން ބުނެ ބަލާށެވެ. މެދުނުކެނޑި ދައުލަތުގެ ފައިސާ ލިބިލިބި ހުންނަ ގޮތަށް ޝުޖާމެން އަތުން ޓެންޓް ކުއްޔަށް ހިފާ އިވެންޓް ބާއްވާ ހަދައިގެން ޝުޖާމެނަށް ދައުލަތުގެ ދިޔަދޮވި އަރިކޮށްލާފައި އޮންނަހެން އެންމެނަށް ފައިސާ ލިބޭނެގޮތް އެބަ އޮތް ހެއްޔެވެ. ރެޑްވޭވް ސަލީމާއި ޝުޖާއާއި ފަލާހުމެނަށް ދައުލަތް ނޮޅާކާން ފުރުސަތު އޮތަކަސް އެންމެނަކު ތިބީކީ ފައިސާ އޮހޭ ގޮތަކަށް ނޫނެވެ. އާނއެކެވެ. ޝުޖާމެން ތިޔަތިބީ ނިކަން ހެޕީ ކޮށެވެ. އެކަމަކު ދައުލަތުގެ ހަޒާނާ އަރިކޮށްލާފައި ތިބި މަދުބަޔަކު ފިޔާ އެންމެންވެސް ތިބީ ވަރަށްވެސް ހިތްދަތި ހާލުގައެވެ. އެކަމަކު ތިޔަ ބުނަނީ ދިވެހިން އުފަލުން ތިބިކަމަށެވެ.
ނިކަން ބުނެ ބަލާށެވެ. ވަޒީފާ ގަޑެއް ދިއްކޮށްލާފައި ތިބޭ ޕީއެންސީގެ ވަފާތެރިން ތިބީ އުފަލުގައި ހެއްޔެވެ. ނޫނެކެވެ. ޕީއެންސީގެ ގިނަ ވަފާތެރިންވެސް ތިބީ ވަޒިފާގެ ބިރުގައި ކެތްކޮށްލައިގެންނެވެ. މުއިއްޒު ހޮވުނު މޮޔަ ހީވިޔަސް ވަޒީފާ ގަނޑުގެއްލި އަނބިދަރިން ހާލުގައި ޖެހިދާނެތީ އެއްޗެއް ނުބުނެ ތިއްބަކަސް އެމީހުންވެސް ތިބީކީ އުފަލަކުން ނޫނެވެ. ރަށްރަށުގެ ސްޓެއަރިންގ ކޮމިޓީތަކަށް ޕީއެންސީ މެންބަރުން ހުށަހަޅާ ޝަކުވާތަކުންނާއި ދާއިރާގެ މެންބަރަށް ގުޅާ ކުރާ އާދޭހުން ޕާޓީ މީހުންވެސް ތިބީ އުފަލުގައި ނޫންކަން އެނގޭނެއެވެ. އެކަމަކުވެސް ތިޔަ ބުނަނީ އުފަލުން ތިބިކަމަށެވެ.
ރައްޔިތުން ތިބީ ހެޕީކޮށް ކަމަށް ޝުޖާ ކިތަންމެ ހަރުއަޑުން ބުންޏަސް ރައްޔިތުން ތިބީ ވަރަށް ދަތި ހާލުގައެވެ. ޒިންމާއެއް އޮތްކޮންމެ މީހަކު ވިސްނާ ވިސްނާ ގޮތް ހުސްވެ ޕްރެޝަރަށް ބޭސްކާން ނުޖެހޭ މީހަކު ނެތެވެ. ޒަރޫރީ ގިނަކަންކަން ނުކުރެވި މީހުން ތިބީ ގޮތް ހުސްވެފައެވެ. ބަލިމީހުން ބޭސް ނުލިބި ފަރުވާ ނުކުރެވި ތިބީ ސަހަރާ ނޫނީ ދާނެތަނެއް ނެތިފައެވެ. ވަޒީފާއެއް އޮތް ކޮންމެ މީހަކު ލޯނު މަޅީގައި ޖެހި ދަރާ ބޯހިކެންނެތެވެ. މަސްވެރިކަމެއް ދަނޑުވެރިކަމެއް ނެތެވެ. ކަރަންޓާއި ފެން ބިލު ދެއްކެނީއެއް ނޫނެވެ.
ރީތި ހެދުން އަަޅައިގެން މީހުން މަގަށް ނިކުމެ އުޅުނަސް ކޮންމެ މީހަކު ވަނީ ހާސްކަމާ ނުތަނަވަސްކަމާއި ދަރަނިވެރިކަމުގައި ގައިދުވެ ގޮތް ހުސްވެފައެވެ. ޝުޖާ ބުނާ އުފަލުން ތިބި ދިވެހި ގިނަ ރައްޔިތުންނެކޭ ހަތަރެސް ފައިބަދެފައި ފަތަން ކަަަަަނޑަށް އެއްލައިލާފާ ތިބި ބަޔެކޭ ތަފާތެއް ނެތެވެ. ހަމަތެދެކެވެ. ބާރުބާރަށް ބާރަށު ޝުޖާއުމެއް ހުއްޓާނުލާ ގޮއްވާ އަޑަކާ މަންޒަރު ދިމައެއް ނުވެއެވެ.
މެންބަރ ޝުޖާއަށް: މަންޒަރާ އަޑު ދިމައެއްނުވޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ