މޯލްޑިވްސް 2.0: ސައިބަރ ރެޒިލިއަންސް ވަރުގަދަކުރުން މުހިއްމު

މޯލްޑިވްސް 2.0 އަށް ރާއްޖެ ދަތުރުކުރާއިރު، ސައިބަރ ރެޒިލިއަންސް ވަރުގަދަކުރުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށް، ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ، ރިޓަޔަރޑް ލެފްޓިނެންޓް ކަރނަލް، އިބްރާހީމް ލަޠީފް ވިދާޅުވެއްޖެއެވެ.
"ސައިބަރ ސެކިއުރިޓީ އެންޑް ސައިބަރ ރެޒިލިއަންސް އޮސްޓްރޭލިއާ އެވޯޑްސް ފެލޯޝިޕް 2026" ކާމިޔާބުކަމާއެކު ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ލަތީފް ވިދާޅުވީ މިއަދު ސައިބަރ ސެކިއުރިޓީ އަކީ ހަމައެކަނި ޑިޖިޓަލް މައްސަލައެއް ނޫންކަމަށާއި އެއީ ދަޢުލަތް ހިންގުމުގެ ނިޒާމާއި ލާމެހިފައިވާ މުހިންމު އިސްތިރާޖީ ދާއިރާއެއް ކަމަށެވެ.
ލަތީފް ވަނީ މިއީ ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިޜަންގެ ތެރެއިން ތަޢާރަފްކުރެއްވި މޯލްޑިވްސް 2.0 ސިޔާސަތަށް ޢަމަލީ ސިފަ ގެނައުމުގެ ގޮތުންނާއި، ސައިބަރ ސެކިއުރިޓީ އެންޑް ރެޒިލިއަންސް ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުގެ ޤާބިލްކަން އިތުރުކުރުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް ފާހަގަކުރައްވާފައެވެ.
"ސައިބަރ ސެކިއުރިޓީއަކީ ޤައުމީ ސަލާމަތާއި، ރައްޔިތުންގެ އިތުބާރާއި، އިޤްތިސާދީ ކުރިއެރުމުގެ އިތުރުން ދަޢުލަތް ހިންގުމުގެ ނިޒާމާއި ލާމެހިފައިވާ މުހިންމު އިސްތިރާޖީ ދާއިރާއެއް" ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިބްރާހީމް ލަޠީފް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އޮސްޓްރޭލިއާގެ ހައިކޮމިޝަނަރ ޑޭވިޑް ޖެސަޕް ވިދާޅުވީ، މި ޕްރޮގްރާމް ނިމޭހިސާބަކީ ބައިވެރިންގެ ހަގީގީ މަސައްކަތް ފެށޭ ހިސާބުކަމަށެވެ. ޤައުމުގެ ދެމެހެއްޓެނިވި ކުރިއެރުމާއި، އިޤްތިޞާދީ ވިލުންތެރިކަން ޤާއިމްވެފައި އޮތުމުގައި ސައިބަރ ސެކިއުރިޓީގެ ދައުރު ބޮޑުކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސައިބަރ ސެކިއުރިޓީގެ ގުޅުން ބަދަހިކުރުމަށް އިތުރު މަސައްކަތްތައް ކުރައްވާނެކަމުގެ ޔަޤީންކަން އޮސްޓްރޭލިއާގެ ހައިކޮމިޝަނަރވަނީ ދެއްވާފައެވެ.
"އާޓިފިޝަލް އިންޓެލިޖެންސް ފުޅާވެގެންދާއިރު ސަރުކާރުގެ އިދާރާތަކަށް ނުރައްކާ ބޮޑު. އެކަމަށް ގައުމުތަކުން ގުޅިގެން ތައްޔާރުވާން ޖެހޭ." ހައިކޮމިޝަނަރ ޑޭވިޑް ވިދާޅުވިއެވެ.
"ސައިބަރ ސެކިއުރިޓީ އެންޑް ސައިބަރ ރެޒިލިއަންސް އޮސްޓްރޭލިއާ އެވޯޑްސް ފެލޯޝިޕް 2026" ޕްރޮގްރާމަކީ، ދިވެހިރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ ޤާބިލުކަން އިތުރުކުރުމަށާއި ޑިޖިޓަލް ރެޒިލިއަންސް ވަރުގަދަކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މިރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ މަންދޫބުންނާއި، ދިވެހިރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަނާއި، އަދި އޮސްޓްރޭލިއާގެ އެޑިތު ކޯވާން ޔުނިވާރސިޓީ (އީސީޔޫ) ގެ އިސް ބޭފުޅުންގެ އިތުރުން، ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން މި ޕެލޯޝިޕްގައި ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކުރި 15 ފަންނީ މާހިރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ