ރާއްޖޭގެ ސްކޫލުތަކުގެ ކީސްޓޭޖް 1ގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި އެއުމުރުފުރާގެ ބައިނަލްއަޤްވާމީ ކުދިންގެ ނަތީޖާއާއި އަޅާ ކިޔުމަށް މި އަހަރުގެ ނޮވެމްބަރު މަހު އިމްތިހާނެއް ބާއްވާނެ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ކީސްޓޭޖް-3 2025ގެ ނެޝަނަލް އެސެސްމަންޓް އޮފް ލަރނިންގ އައުޓްކަމްސް ރިޕޯޓް އާންމުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ތަޢުލީމާއި، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ހެކިތަކުގެ މައްޗަށް ބިނާކޮށް ތަޢުލީމީ ނިޒާމު ބައްޓަންކުރުން ކަމަށެވެ. މީގެ ކުރިން ކީސްޓޭޖް 1 އަދި 2ގެ "ނޭޝަނަލް އެސަސްމަންޓް އޮފް ލާރނިންގ އައުޓްކަމްސް" ނަގަމުން ދިޔައިރު، އެ ނަތީޖާތަކަށް ރިޢާޔަތްކޮށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިހާރު ފަށާފައިވާ އެންމެ މުހިންމު މަސައްކަތަކީ ފާއިތުވި އަހަރުތަކުގެ އެސެސްމަންޓުތަކަށް ބިނާކޮށް މަންހަޖަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައިވެސް ބަޔާންކުރައްވާފައިވާ ފަދައިން، ކީސްޓޭޖް 1ގެ ދަރިވަރުންގެ "ތީމެޓިކް" ފޮތްތަކާއި، އުނގަންނައިދިނުމުގެ އުސޫލުތައް ދަރިވަރުންނާއި، މުދައްރިސުންނަށް އެންމެ ފައިދާހުރި ގޮތަށް ބަދަލުކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ބަދަލުތައް ގެނައުމުގައި ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ނޭޝަނަލް އެސެސްމަންޓުގެ ނަތީޖާތަކުގެ އެހީތެރިކަން ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިހާރު ކީސްޓޭޖް 3ގައި އިސްލާމާއި ދިވެހި މާއްދާގެ އިތުރުން، އަލަށް ސައިންސް ހިމެނޭހެން ޖުމްލަ 5 މާއްދާއެއް ވަޒަންކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން މާއްދާތަކާ އަޅާބަލާއިރު، އިސްލާމާއި ދިވެހި މާއްދާގެ ނަތީޖާ ރަނގަޅު ނަމަވެސް، އެ ނަތީޖާ އިތުރަށް މަތިކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރީގެ އެސެސްމަންޓުތަކުން ހިސާބު މާއްދާގެ ނަތީޖާ ދަށްކަން ފާހަގަވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިކަން ޙައްލުކުރުމަށް ހިސާބު މުދައްރިސުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ކީސްޓޭޖް 1ގެ މަންހަޖަށް ގެންނަ ބަދަލުތަކާއެކު ހިސާބު މާއްދާއަށް ކަނޑައަޅާފައިވާ ވަގުތު އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ދަރިވަރުން ހިސާބު ޢިލްމަށް ޝައުޤުވެރިވާނެ ފަދަ ގޮތަކަށް ފޮތްތައް އަލުން އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
ތަޢުލީމީ ދާއިރާގެ ކުރިމަގަށް އަލިއަޅުއްވާލައްވަމުން ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މިއަހަރުގެ ނޮވެމްބަރު މަހު މުޅިން އަލަށް ކީސްޓޭޖް 1ގެ ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ އިމްތިހާނެއް ބޭއްވިގެން ދާނެ ކަމަށެވެ. މީގެ ސަބަބުން ދިވެހި ދަރިވަރުންގެ ފެންވަރު، ދުނިޔޭގެ އެހެން ޤައުމުތަކުގެ އެ އުމުރުފުރާގެ ކުދިންނާ އަޅާކިޔައި، ވަޒަންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާހިސާބަށް އައިއިރު ކީސްޓޭޖް-4 އޭލެވެލް ހިސާބުންނާއި އޯލެވެލް ހިސާބުން ނޭނގެ އިންޓަރނޭޝަނަލް ކުދިންނާއި އަޅާކިޔާކަށް. އަޅުގަނޑުމެންނާއި ރެޔަކާއި ލާއިރު އޮންނަނީ މާ ބޮޑަށް ފަހަތަށް ގޮސްފައި. މިދިޔަ އަހަރު ކުރެވުނު މަސައްކަތެއް އޭމްޕްލްގެ މަސައްކަތް. މި އަހަރުގެ ނޮވެމްބަރ މަހު މުޅިން އަލަށް ދިވެހިރާއްޖޭގެ ދަރިވަރުން ކީ ސްޓޭޖް-1ގެ ދަރިވަރުން އެ ދަރިވަރުންގެ އެއްއުމުރުފުރާގެ ބައިނަލްއަޤްވާމީ ކުދިންނާއި، އެކުދިންގެ ނަތީޖާއާއި އަޅާކިޔާ ލެވޭވަރުގެ އިމްތިހާނެއް ހެދިގެންދާނެ. އެއިން އެނގިގެންދާނެ ކިހާ ހިސާބެއްގައިތޯ ދަރިވަރުން ހިސާބުގެ ޢިލްމު، ސައިންސްގެ ޢިލްމު، އިނގިރޭސިގެ ޢިލްމު މިހުރީ އެހެން ކުދިންނާއި، އަޅާ ކިޔާއިރުގައި. ގެންނަން ޖެހޭ ބަދަލުތައް ނިޒާމަށް ގެނެވޭނީ މައުލޫމާތުތައް ލިބިގެން." ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމާއި، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މިދިޔަ މަހުން ފެށިގެން ދަރިވަރުން ސުކޫލަށް ދާ މިންވަރު ބެލުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ ދަށުން ދަރިވަރުން ސުކޫލަށް ހާޒިރުވާ މިންވަރު ވަޒަންކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކީސްޓޭޖް 1އަށް ނޮވެމްބަރުގައި ބައިނަލްއަޤްވާމީ ފެންވަރުގެ އިމްތިހާނެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ