ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް 2025 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 238.7 މިލިއަން ރުފިޔާ ލިބިފައިވާއިރު ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތްކުރާކަން މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ޖޫން 28ގައި އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ ސްޓެލްކޯގެ އާމްދަނީ އިތުރުވިނަމަވެސް، ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މާލީ ހިސާބުތައް ބެލެހެއްޓުމުގައި ހުރި ބައެއް ކަންބޮޑުވުންތައް ފާހަގަކޮށްފައެވެ.
ކުންފުންޏަށް މިދިޔަ އަހަރު 238 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް ހިސާބުތަކުން ދައްކާއިރު ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ހިއްސާވާ ކުންފުނިތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 949 މިލިއަން ރުފިޔާއަށް އަރާފައިވާކަން 31 ޑިސެމްބަރު 2025 އަށް ނިމުނު މާލީ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއެވެ.
2025 ވަނަ އަހަރު ނިމުނުއިރު، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ސްޓެލްކޯއަށް ލިބެންޖެހޭ 949 މިލިއަން ރުފިޔާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ މިނިސްޓްރީ އޮފް ފައިނޭންސުންނެވެ. އެއީ 333 މިލިއަން ރުފިޔާއެވެ. އެހެނިހެން މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކުން 73 މިލިއަން ރުފިޔާ ދައްކަންޖެހޭއިރު، އޭގެ ތެރޭގައި ހައުސިންގ މިނިސްޓްރީ އިން 43 މިލިއަން ރުފިޔާ އަދި އެންވަޔަރަންމަންޓް މިނިސްޓްރީ އިން ދައްކަންޖެހޭ 18 މިލިއަން ރުފިޔާ ހިމެނެއެވެ.
މީގެ އިތުރުން، ދައުލަތުގެ ހިއްސާވާ ކުންފުނިތަކުން ޖުމްލަ 251.7 މިލިއަން ރުފިޔާ ދައްކަންޖެހެއެވެ. އޭގެ ތެރޭގައި ޕީ.އެސް.އެމް އިން 163 މިލިއަން ރުފިޔާ، އެމް.ޑަބްލިޔު.އެސް.ސީ އިން 24 މިލިއަން ރުފިޔާ، އެޗް.ޑީ.ސީ އިން 33 މިލިއަން ރުފިޔާ، އެސް.ޓީ.އޯ އިން 8.9 މިލިއަން ރުފިޔާ، އެމް.ޓީ.ސީ.ސީ އިން 7.8 މިލިއަން ރުފިޔާ، ފެނަކައިން 15 މިލިއަން ރުފިޔާ، އެމް.ޕީ.އެލް އިން 1.9 މިލިއަން ރުފިޔާ، މިފްކޯ އިން 1.4 މިލިއަން ރުފިޔާ އަދި ބީ.އެމް.އެލް އިން ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ ހިމެނެއެވެ.
ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ މާލެ ސިޓީ ކައުންސިލުންނެވެ. އެއީ ނުދައްކާ ހުރި ކަރަންޓު ބިލްތަކާއި އެހެނިހެން ފީތަކަށްވާ 53 މިލިއަން ރުފިޔާއެވެ.
ކަސްޓަމްސް އިން 1 މިލިއަން ރުފިޔާ އައި.ޖީ.އެމް.އެޗް އިން 4.4 މިލިއަން ރުފިޔާ އަދި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް އިން މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު ސަރުކާރުގެ އެކި އިދާރާތަކުން ލިބެންޖެހޭ އިތުރު 221 މިލިއަން ރުފިޔާ ވެސް ހިމެނެއެވެ.
ފައިސާ ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، 2025 ވަނަ އަހަރު ސްޓެލްކޯގެ ކުންފުނީގެ ޖުމްލަ އާމްދަނީ 3.34 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، މީގެ ތެރެއިން 93 އިންސައްތައަކީ ކަރަންޓުގެ ޚިދުމަތުން ލިބުނު އާމްދަނީއެވެ. 2024 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 181.4 މިލިއަން ރުފިޔާ ލިބުނުއިރު، 2025 ވަނަ އަހަރު މި އަދަދު ވަނީ 238.7 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ކުންފުނީގެ ޖުމްލަ މުދަލުގެ އަގު 6.664 ބިލިއަން ރުފިޔާގައި ހުރިއިރު، އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށާއި މަރާމާތަށް 676 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ނަމަވެސް، މާލީ އަހަރު ނިމުނުއިރު ކުންފުނީގެ ނަގުދު ފައިސާގެ ހާލަތު ހުރީ 8.07 މިލިއަން ރުފިޔާ ޑެފިސިޓްގައެވެ. މިއީ ބޭންކް އޯވަރޑްރާފްޓްގެ ގޮތުގައި ފާހަގަކޮށްފައިވާ އަދަދެކެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ކުންފުންޏަށް ފައިދާވަމުން ދިޔަ ނަމަވެސް، ބޮޑެތި މަޝްރޫޢުތަކަށް ކުރާ ހޭދައާއި ސަރުކާރުގެ އިދާރާތަކުން ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކުންފުނީގެ ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓު ނިންމާލަމުން ފާހަގަކުރައްވާފައިވަނީ، ސްޓެލްކޯގެ މާލީ ހިސާބުތަކުގައި، ޚާއްޞަކޮށް ސަރުކާރުގެ އިދާރާތަކުން ލިބެންޖެހޭ 949 މިލިއަން ރުފިޔާގެ މައްސަލައިގައި، ކަށަވަރުނުކުރެވޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެހެންކަމުން، ކުންފުނީގެ ހިސާބުތަކަކީ އާންމު ގޮތެއްގައި އިތުބާރު ކުރެވޭ ހިސާބުތަކެއް ނަމަވެސް، މިދެންނެވި ކަންތައްތަކުގެ ސަބަބުން ”ކޮލިފައިޑް“ ރައުޔެއް ދޭންޖެހުނީ ކަމަށް ބަޔާންކޮށްފައިވެއެވެ.
ސްޓެލްކޯއަށް ފައިދާގެ ގޮތުގައި 238 މިލިއަން ރުފިޔާ، ސަރުކާރު އިދާރާތަކުން ނުލިބޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ