އައްޑޫ ހިތަދޫގައި މަސްތުވާތަކެތި ހިދުމަތް ދެމުން އައި ގެއެއް ނުވަތަ 'ޑްރަގު ކެފޭ'އެއް ކޯޓުން ނެރުނު އަމުރަކާ އެކު ބަންދުކޮށްފި އެވެ. މިއީ މިގޮތަށް އައްޑޫން ބަންދު ކުރި ތިން ވަނަ ޑްރަގު ކެފޭ އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނި ގޮތުގައި، ހިތަދޫގައި ހުންނަ 'މައިލޯސިޓީ' ނަމަކަށް ކިޔާ އެ ގެ ބަންދުކުރުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރީ އިއްޔެ އެވެ.
ތަފްސީލު - ފުލުހުން ބުނި ގޮތުގައި، މަސްތުވާތަކެތީގެ ހިދުމަތް ދޭތީވެ އެ ގެ ބަންދު ކުރީ ތިން މަސްދުވަހުގެ މުއްދަތަކަށެވެ.
"އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީ އާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީ،" ފުލުހުން ބުންޏެވެ.
"އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިއުމުގެ ސަބަބުން އާންމު ސަލާމަތަށް ބުރޫއެރުމާއި ބަޔަކަށް ނުރައްކާ ކުރިމަތިވަމުންދާ ކަމަށް އެ އަމުރުގައި ފާހަގަކޮށްފައިވެ އެވެ."
ފުލުހުން އިތުރަށް ބުނި ގޮތުގައި، އެ ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
"އަދި އެ ގެ އާއި އެ ގެ ހިމެނޭ ސަރަހައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި މީހުން ރަހީނުކުރުމާއި ވައްކަން ކުރުން ފަދަ ޖިނާއީ ކުށްތައް ކުރަމުންދާކަން ވެސް،" އެ އަމުރާ ހަވާލާދީ ފުލުހުން ބުންޏެވެ.
މީގެ ކުރިން މިފަދަ ދެ ގެއެއް އައްޑޫން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވެ އެވެ. އެއީ:
މަރަދޫފޭދޫ، 'އުއްމީދު' ކިޔާ ގެއެއް މިދިޔަ މަހު15ގައި ބަންދުކޮށްފައިވޭ
ހިތަދޫ، 'ލާމިޔާގެއާގެ' ކިޔާ ގެއެއް ވެސް މިދިޔަ މަހުގެ 8ގައި ވަނީ ބަންދުކޮށްފައި
އައްޑޫން 3 ވަނަ ޑްރަގު ކެފޭ ކޯޓުން ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ