މުޅި ޝިންޖިއާން ބަދަލުވެއްޖެ، ފެނުނީ އުފާވެރިކަމާއި އެކުވެރިކަން، ތަރައްގީ!

ޗައިނާގެ އުތުރު ހުޅަނގު ބިތް ނުވަތަ އެންމެ އުތުރު ހުޅަނގު ސަރަހައްދުގައި އޮންނަ ޝިންޖިއަންއަށް ދިއުމުގެ ކުރިން، އަޅުގަނޑުގެ ވިސްނުމުގައި ކުރެހިފައި އޮތީ އެ ތަނާ ގުޅޭ މާ ރަނގަޅު ތަސްވީރެއް ނޫނެވެ. ދުރުގައި ތިބެގެން ބައިނަލްއަގުވާމީ ޚަބަރުތައް ބަލާ މީހެއް ފަދައިން، އަޅުގަނޑަށް ވެސް އިވިފައިވަނީ އެ ސަރަހައްދުގައި އޮތް ބިރުވެރިކަމާއި، އުއިގޫރު މުސްލިމުންނަށް ކުރިމަތިވަމުންދާ ދަތިތަކުގެ ވާހަކައެވެ. ޑޮކިއުމެންޓްރީތަކާއި ޔޫޓިއުބް ވީޑިއޯތަކުން އަޅުގަނޑަށް ޝިންޖިއާންގެ މާހައުލު ފެނިފައިވަނީ، ފާރަވެރިކަމުގެ ދަށުގައި އޮތް، އިގްތިޞާދު ހުއްޓިފައިވާ، އަދި ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި އުޅޭ ތަނެއްގެ ގޮތުގައެވެ. ހީކުރެވިފައި އޮތީ އެއީ ޗައިނާގެ އެހެން ސަރަހައްދުތަކާ އަޅައިކިޔާއިރު މާބޮޑު ތަރައްގީއެއް ނެތް، އާދައިގެ ރަށްފުށު ދިރިއުޅުމެއް މީހުން އުޅޭ، މާހައުލެއް ކަމަށެވެ. ޝިންޖިއާންގެ ހެޓިއަން ސިޓީގައި އާންމުން ކެއިންބުއިމަށް ގޮސް އުޅޭ ރެސްޓޯރެންޓަކުން ބައްދަލުވި މީހުންނާއެކު ނެގި ސެލްފީއެއް --- އަޅުގަނޑު ޝިންޖިއަންގަށް ދިޔައީ ޔޫރަޕް، ދެކުނު އޭޝިއާ، މެދުއިރުމަތި އަދި އެފްރިކާގެ ނޫސްވެރިން ހިމެނޭ ބައިނަލްއަގުވާމީ ވަފުދަކާ އެކުގައެވެ. ދިހަ ދުވަހުގެ މި ދަތުރުގައި އަޅުގަނޑުމެން ތިން ސިޓީއަކަށް ޒިޔާރަތް ކުރީމެވެ. އެއީ ޝިންޖިއަންގެ ވެރިރަށް އުރުމްޗީ، ޚެޓިއަން އަދި ތުރުޕަންއެވެ. ރަސްމީ ބައްދަލުވުންތަކުގެ ބޭރުން، އަމިއްލައަށް މަގުތަކުގައާއި ޕާކުތަކުގައި ހިނގާލައި، ސައިބޯ ތަންތަނުގައި މަޑުކޮށްލައި، އާއިލާތަކުގެ އާންމު ހަރަކާތްތައް ބަލައިލުމުން، ފެނުނީ ކުރިން އަޑުއިވިފައިވާ ވާހަކަތަކުގެ މައްޗަށް ބުރަވެ ސިފަވެފައިވާ މަންޒަރަށްވުރެ މުޅިން ތަފާތު މަންޒަރެކެވެ. ދިރޭ އިގްތިސާދެއް؛ ހަރަކާތްތެރި ސަރަހައްދެއް އެންމެ ފުރަތަމަ ވެސް އަޅުގަނޑު ހައިރާންވީ އެ ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތައް ފެނިފައެވެ. ޗައިނާގެ ޝަންޚާއީ ޕުޑޮންގް އެއާޕޯޓަށްވުރެ، ޝިންޖިއާންގެ ވެރިރަށް އުރުމްޗީގެ އެއާޕޯޓު މާ ފުރިހަމައެެވެ. އުރުމްޗީއަށް ކާރުގައި އަރައިގެން އައިރު ފެނުނީ ހީކުރި ވަރަށް ވުރެ މާ ޒަމާނީ ސިޓީއެއްގެ ގޮތުގައެވެ. އުސް އިމާރާތްތައް ހައިވޭ ވަށައިގެން ހުއްޓެވެ. އާ އިމާރާތްތައް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ބާޒާރުތައް އޮތީ ދަންވަރު ވަންދެން މީހުންނައިގެން ފުރިފައެވެ. ޒަމާނީ ޓެކްނޮލޮޖީ ބްރޭންޑްތައް ކަމަށްވާ، ވީވޯ، ވާވެއި، އެޕަލް، ސެމްސަންގް ފަދަ ކުންފުނިތަކުގެ ފިހާރަތައް ހުއްޓެވެ. ޒަމާނީ މޯލްތައް ހުއްޓެވެ. ތާރުއަޅައިފައިވާ ޒަމާނީ މަގުތަކެވެ. ކޮންމެ މަގެއް ވެސް ސާފެވެ. ޝިންޖިއާންގެ ވެރިރަށް އުރުމްޗީގެ މަގެއް: މިއީ އިގްތިޞާދީ ދިރުން އޮތް ސިޓީއެއް --- ސަން ފޮޓޯ ތުރުޕާން އާއި ޚެޓިއަންއިން ވެސް ފެނުނީ އާ ވަސީލަތްތަކާއި، ރީތި މަގުތަކާއި، އާންމު ޚިދުމަތްތަކަށް ކުރެވިފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކެވެ. އިގްތިޞާދު ހުއްޓިފައިވާ ކަމަށް ބުނާ ވާހަކައާއި ފެނުނު މަންޒަރާ ދިމައެއް ނުވެއެވެ. މިއިން ކޮންމެ ސިޓީއަކުން ވެސް ފެނުނީ ޒަމާނީ ތަރައްގީއަށް މަސައްކަތްކުރާ ތަނެވެ. އާ ކަންކަން ތައާރަފްކޮށް އިގްތިޞާދު ވަރުގަދަކުރަން ކުރާ މަސައްކަތެވެ. ޝިންޖިއާންގައި ދިޔަ ކޮންމެ ސިޓީއަކުން ވެސް ފެނުނީ ދުނިޔޭގެ ކުރިއަރައިފައިވާ ރަނގަޅު ފެންވަރުގެ ސިޓީއަކުން ފެންނާނެ މަންޒަރެވެ. މިސްރާބު ޖަހައިފައިހުރީ އިތުރަށް ތަރައްގީވުމަށެވެ. އުރުމްޗީގެ މަގުމަތިން އުމުރުން ދޮށީ، އުއިގޫރް އަންހެނެއް ހިނިތުންވުމަކާ އެކު -- ސަން ފޮޓޯ އާންމު ދިރިއުޅުމުގައި ހަމަހިމޭންކަން؛ ބިރުވެރިކަމެއް ނެތް އިމާރާތްތަކުގެ ފުރިހަމަކަމަށް ވުރެ ވެސް ބޮޑަށް އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަވީ އެ ތަނުގެ ރައްޔިތުންގެ އާންމު ދިރިއުޅުމެވެ. ކޮންމެ ދުވަހަކު ވެސް އަޅުގަނޑުމެންގެ ރަސްމީ ޕްރޮގްރާމް ނިމުމުން، އަޅުގަނޑު އަމިއްލައަށް މަގުތަކަށް ނުކުމެ ހިނގާލަމެވެ. ޕާކުތަކަށް ނުކުމެލުމުން ފެނުނީ އާއިލާތައް އެކުގައި އުފާކުރާ މަންޒަރެވެ. ކުޑަކުދިން ކުޅޭއިރު، މައިންބަފައިން ހީނ ސަމާސާކޮށް ހަދައެވެ. އުއިގޫރް މީހުންގެ ސަގާފީ ހެދުމުގައި ގިނަ ބަޔަކު މިނިވަންކަމާއެކު އުޅޭ ތަން ފެނެއެވެ. ބޭރުގެ ނޫސްވެރިއަކަށް ވުމުން ގިނަ ބަޔަކު އަޅުގަނޑާ ވާހަކަދައްކައި، ހިނިތުންވުމާ އެކު ސަލާމްކޮށް ހެދިއެވެ. އެ މީހުން ހިއްސާކުރީ އެ މީހުންގެ ދިރިއުޅުމުގެ އުފާވެރިކަމާއި އަންނަ ކުރިއެރުމުގެ ވާހަކައެވެ. އެ މީހުންގެ ފަރާތުން ފެނުނީ މެހެމާންދާރީއެވެ. ޝިންޖިއާންގެ ސިޓީއެއްކަމަށްވާ ތުރުޕާންގައި އިރުއޮއްސެމުންދިޔައިރު ޕާކެއްގައި ބަޔަކު ކަސްރަތު ކުރަމުން ދަނީ -- ސަން ފޮޓޯ ސަގާފީ ހެދުންތަކާއި، ކާނާގެ މީރު ރަހައާއި، ފިހާރަތަކުން އިވޭ މިއުޒިކާއި އެކި ބަހުރުވަތަކުން އެނގުނީ އެ މީހުންގެ އަމިއްލަވަންތަކަން ހާމަކުރުމުގައި އެއްވެސް ބިރުވެރިކަމެއް ނެތް ކަމެވެ. ސަލާމަތީ ކަންކަމާއި އަމާންކަން ދެމެެހެއްޓުމަށް ޓަކައި މަގުތަކުގައި ފުލުހުންގެ ހަރަކާތްތެރިވާ ތަން ފެނުނެވެ. ނަމަވެސް، އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އެއްވެސް ނުތަނަވަސްކަމެއް އޮތް ތަނެއް ނުފެނެއެވެ. އަޅުގަނޑަށް އިހުސާސްވީ ބިރުވެރިކަމެއް ނޫނެވެ. އޭގެ ބަދަލުގައި އިހުސާސްވީ ރައްކާތެރިކަމެވެ. ލޮލަށް ފެންނަ ހަގީގަތް މާ ތަފާތު ކަމެއްގެ ހަގީގަތް އެނގޭނީ އެ ތަނަކަށް ގޮސް ބަލައިލުމުންނެވެ. ކުރިން ގެންގުޅުނު ގިނަ ތަޞައްވުރުތަކަކީ އެ ތަނަށް ދުވަހަކު ވެސް ނުދާ ބަޔަކު ދައްކާފައިވާ ވާހަކަތަކެއްގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ. ޝިންޖިއާންގެ ހެޓިއަން ސިޓީގެ ބާޒާރެއްގައި ސަގާފީ ނެޝުމެއް ދައްކައިލަނީ -- ސަން ފޮޓޯ މީގެ 10 އަހަރުކުރިއާއި، މިއަދުގެ މަންޒަރު މުޅިން ތަފާތެވެ. ކުރިން ފެނުނު މަންޒަރު މިއަދު ބަދަލުވެއްޖެއެވެ. ކުރިން ހިނގި ނުތަނަވަސް ކަންކަމަކީ މުސްތަގްބަލަށް ޝިންޖިއާންގެ ރައްޔިތުން ކުރާ މަސައްކަތަށް އޮތް ހުރަހެއް ނޫންކަން ހާމަވެއެވެ. ޗައިނާގެ އެންމެ ބޮޑު އެއް ފަޚުރަކީ ޝިންޖިއާންކަން އެ މީހުން ގަބޫލުކުރެއެވެ. ދުނިޔޭގެ އެކި މީހުން ތަނަކާމެދު ގޮތް ނިންމާއިރު، އެ ނިންމުން ބައްޓަންވަނީ ގިނަ ފަހަރަށް އެ ތަނަކަށް ނުދާ ބަޔަކު ދައްކާ ވާހަކައަށެވެ. އެ ވާހަކަތަކަކީ ދޮގެކޭ އަޅުގަނޑު ނުދަންނަވާނަމެވެ. ނަމަވެސް އެ ވާހަކަތަކުގެ ހަގީގަތް އަމިއްލަ ލޮލުން ބަލައި ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ. އަޅުގަނޑު ޝިންޖިއަންގަށް ދިޔައީ ވަކި ގޮތަކަށް ހީކޮށްގެން ކަމަށް ވިޔަސް، އެ ހީތަކަކީ ހަގީގަތެއް ނޫންކަން މި ދަތުރުން ޔަގީންވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ