މިދިޔަ އަހަރު ސްޓެލްކޯއަށް 239 މިލިއަން ރުފިޔާގެ ފައިދާއެއް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 239 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުގައި، މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު ގާތްގަނޑަކަށް 30 އިންސައްތައިގެ ކުރިއެރުމެކެވެ. 2024 ވަނަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 181 މިލިއަން ރުފިޔާއެވެ.
ކުންފުނީގެ ފައިދާ އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، އާމްދަނީ އިތުރުވުމާއި ދަރަންޏަށް ކުރި ހޭދަ ކުޑަކުރުމުގެ އިތުރުން ހިންގުމުގެ ޚަރަދުތައް ކުޑަކުރުމެވެ. އެގޮތުން، މިދިޔަ އަހަރު ސްޓެލްކޯއަށް އާމްދަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެ އާމްދަނީ ހޯދުމަށް ކުންފުނިން ކޮށްފައިވާ ޚަރަދަކީ 2.6 ބިލިއަން ރުފިޔާއެވެ. އަދި ކުންފުނީގެ ހިންގުމާއި އިދާރީ ކަންކަމަށް ކުރި ހޭދަ ވަނީ 15 އިންސައްތަ ދަށްވެފައެވެ.
ސްޓެލްކޯއިން އާންމު ޚަރަދުތައް ކުޑަކުރި ނަމަވެސް، ބައެއް ދާއިރާތަކުން ޚަރަދުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން، ތެލުގެ ޚަރަދަށް މިދިޔަ އަހަރު 66 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 45 އިންސައްތަ އިތުރު އަދަދެކެވެ. މީގެއިތުރުން، ރިޓަޔަކުރި މުވައްޒަފުންނަށް ދިން އިނާޔަތްތަކަށް 20 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ 300 އިންސައްތައިގެ ބޮޑުވުމެކެވެ.
ހަމައެއާއެކު، މުވައްޒަފުންގެ މުސާރައާއި ހިންގުމުގެ އެހެނިހެން ކަންކަމަށް މިދިޔަ އަހަރު 392 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ސްޓެލްކޯއިން މިދިޔަ އަހަރު ލޯނު އަނބުރާ ދެއްކުމަށް 140 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރު ލޯނު ދެއްކުމަށް ހޭދަކުރި 150 މިލިއަން ރުފިޔާއާ އަޅައި ބަލާއިރު ދަށް އަދަދެކެވެ.
ޖުމްލަގޮތެއްގައި ސްޓެލްކޯގެ އާންމު ޚަރަދުތައް ކުޑަކުރެވިފައިވީ ނަމަވެސް، ތެލުގެ އަގަށް އައި ބަދަލާއި މުވައްޒަފުންގެ އިނާޔަތްތަކަށް ކުރި ހޭދަ ވަނީ ބޮޑުވެފައެވެ. ނަމަވެސް، ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާއެކު، ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ