ފިހާރަތަކުން ސިނގިރޭޓު ގަންނަން ލިބޭ އަގު ހެޔޮވާނީ މަސްދުވަސް ފަހުން

ސިނގިރޭޓު މިހާރު ވިއްކާ އަގަށްވުރެ 50 ޕަސެންޓު އަގުހެޔޮވާނެ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނު އިސްލާހު ކުރަން މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ފާސްކުރެއްވި ނަމަވެސް، ފިހާރަތަކުން ސިނގިރޭޓު ގަންނަން ލިބޭ އަގު ހެޔޮވާނީ މަސްދުވަސްފަހުން ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.
ސިނގިރޭޓުގެ އަގުހެޔޮކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ މިއަދު އެވެ. އެހެންނަމަވެސް، އާންމުންނަށް ސިނގިރޭޓު ގަންނަން ލިބޭ އަގު ހެޔޮވާނީ މިހާރު ހުރި ސްޓޮކު ހުސްވުމުން ކަމަށް މި ނޫހާ ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ބުންޏެވެ.
"މިހާރު ހުރި ސްޓޮކް ހުސްވީމަ އަގުހެޔޮ ވާނީ، ގާތްގަނޑަކަށް މަސްދުވަސްވަރު ފަހުން އަގުހެޔޮކޮށް ލިބެން ފަށާނީ،" މި ނޫހާ ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ.
މިއަދު ތަސްދީގު ކުރި ބިލުގައި އޮތީ ސިނގިރޭޓު މިހާރު ވިއްކާ އަގަށްވުރެ 50 ޕަސެންޓު އަގުހެޔޮވާ ގޮތަށް އިމްޕޯޓް އެކްސްޕޯޓު ގާނޫނު އިސްލާހު ކުރުމަށެވެ. އެ ބިލު މަޖިލީހަށް ހުށަހެޅީ ވެސް ސަރުކާރުންނެވެ. މި ބަދަލާއެކު މީގެ ކުރިން، ސިނގިރޭޓު އަގުބޮޑު ކުރުމުގެ ކުރިން ސިނގިރޭޓުގެ ބާވަތްތައް ވިއްކަމުންދިޔަ އަގަށް ގާތްގަނޑަކަށް އޭގެ އަގު ތިރިވާނެ އެވެ.
ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމި ނިންމުން ބަދަލުކޮށް، އޭގެ އަގު 50 އިންސައްތަ ހެޔޮކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބިލު ތަސްދީގުކުރައްވައިފިއެވެ. މި އިސްލާހުގެ ދަށުން ސިނގިރޭޓަކުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަވެ، ކުރިން އަގުބޮޑުކުރުމުގެ ކުރިން ހުރި މިންވަރަށް ސިނގިރޭޓުގެ އަގު ތިރިވާނެއެވެ.
https://adhadhu.com/83814
ސިނގިރޭޓުގެ އަގުބޮޑު ކުރުމަކީ މި ސަރުކާރުން ނިންމި އެންމެ ބޮޑު އެއް ނިންމުމެވެ. ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ފާސްކުރި ގޮތަށް ސިނގިރޭޓުގެ އަގު ބޮޑުކުރީ ނޮވެމްބަރު 2024، ގަ އެވެ. މި ސަރުކާރުން ކޮންމެ ސިނގިރޭޓަކުން 8ރ. ނަގަން ފެށި އެވެ. އަދި، އެފަދަ ޝިޕްމެންޓުތަކުން ނަގަމުން އައި ޑިއުޓީ ވެސް 50 ޕަސެންޓަށް ބޮޑުކުރި އެވެ.
ނަމަވެސް، މިއަދު ތަސްދީގުުރި އިސްލާހުގައި އޮތީ ދުންފަތުން ނަގާ ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް ކުޑަ ކުރުމާއެކު ސިނގިރޭޓަކުން ނަގާ ޑިއުޓީ 8ރ. އިން 4ރ. އަށް ކުޑަ ކުރުމަށެވެ.
ސިނގިރޭޓުން ނަގާ ސްޕެސިފިކް ޑިއުޓީ އިން އެ ހެޔޮވަނީ 50 ޕަސެންޓެވެ. އަދި ދެން ނަގާ ޑިއުޓީ އިން އެ ހެޔޮވަނީ 40 ޕަސެންޓެވެ. އެހެންކަމުން މުޅި ޖުމްލަ ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކުޑަވާނެ އެވެ.
އޭގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީ ކުޑަ ކުރަން ވެސް އެ އިސްލާހުގައި ހިމަނައިފައިވެ އެވެ. އެފަދަ ބާވަތްތަކުގެ ހެޔޮ ކުރަނީ ސިނގިރޭޓާ އެއްވަރަކަށެވެ. މިހާރު ވެސް ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތަކުން ޑިއުޓީ ނަގަނީ ސިނގިރޭޓާ އެއްވަރަކަށެވެ. 
އެ ބިލު މިއަދު ތަސްދީގު ކުރެއްވުމާއެކު، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި، އިސްލާހާ އެއްގޮތަށް ގަވާއިދުތައް އިސްލާހު ކުރަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ