މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ހުޅުވުމުގެ ރަސްމިއްޔާތުގައި، ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ނެރެފިއެވެ.
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ މި އެކްސްޕޯގެ މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ޒަކާތު ހައުސްގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސްވަނީ އެ ފޮތްތައް އެމަނިކުފާނަށް އަރުވާފައެވެ.
ޒަކާތު ހައުސްއިން އަލަށް ނެރުނު ހަތަރު ފޮތަކީ:
- ޒަކާތާއި އަޤީދާ
- ޒަކާތާއި ޞަދަޤާތްދިނުމާމެދު ބާރުއަޅުއްވާފައިވާ މިންވަރު
- ޒަކާތާއި ޞަދަޤާތްދިނުމާ ގުޅޭ އަދަބުތަކާއި ޞަދަޤާތްދީއުޅޭ މީހުންގެ ސިފަތައް
- ޒަކާތުގެ ޙުކުމްތަކުގެ ޚުލާޞާ
މީގެއިތުރުން، "ޒަކާތް ބަލައިގަތުމާއި ބެހުމުގެ ޝަރުޢީ އުޞޫލުތަކާއި މިންގަނޑުތައް" މި ފޮތުގެ ދިވެހި އަދި އިނގިރޭސި އެޑިޝަން ވެސް ރައީސް އަށް ވަނީ އަރުވާފައެވެ.
މި އެކްސްޕޯ ކުރިއަށްދާނީ ޖުލައި 2 އިން 4 އަށް، ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި މުއްދަތުގައި، ޒަކާތު ހައުސްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ. މީގެތެރޭގައި، ދީނީ ޢިލްމުވެރިންނާއެކު ކުރިއަށްގެންދާ ޒަކާތާގުޅޭ ސުވާލާއި ޖަވާބު ސެޝަންތަކާއި ޒަކާތު ހައުސްގެ ޚިދުމަތްތަކާއި މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން، މިހާރު ހުޅުވާލެވިފައިވާ ޒަކާތު ސްކޮލަރޝިޕް ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ދިނުމާއި ފޯމު ދޫކުރުން ހިމެނެއެވެ.
ހަމައެއާއެކު، ސްޓޯލުގައި ކުރިއަށްގެންދާ ޒަކާތު ކުއިޒް ޕްރޮގްރާމުގައި ބައިވެރިވެގެން ކޮންމެ ދުވަހަކު ފައިސާގެ އިނާމު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި އެކްސްޕޯ ނިމުމުން ހުރިހާ ބައިވެރިންގެ މެދުގައި ނެގޭ ގްރޭންޑް ޕްރައިޒް ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ލިބޭނެއެވެ. މީގެއިތުރުން، ޒަކާތާ ގުޅޭ ހިލޭ ފޮތްތަކާއި މަޢުލޫމާތު ކަރުދާސްތައްވެސް ސްޓޯލުން ލިބެން ހުންނާނެއެވެ.
ޒަކާތު ހައުސްއިން، ޒަކާތާ ގުޅުންހުރި ހަތަރު ފޮތެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ