އަހަންނަށް ސްޕެއިނަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު: ޑެ ލަ ފުއެންޓޭ

ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 2) - ސްޕެއިނަކީ އޭނާ އަށް މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށް އެ ޓީމުގެ ކޯޗުކަމާ ހަވާލުވެހުރި ލުއިސް ޑެ ލަ ފުއެންޓޭ ބުނެފި އެވެ. 
އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގެ ޖާގައެއް ހޯދަން، ނޮކައުޓް ފުރަތަމަ މެޗުގައި މިރޭ ސްޕެއިނުން އޮސްޓްރިއާއާ ދެކޮޅަށް ނުކުންނާނެ އެވެ. އެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑެ ލަ ފުއެންޓޭ އަށް ސުވާލު އަމާޒުވެފައިވަނީ، ސްޕެއިނަކީ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ފޭވަރިޓުންގެ ލިސްޓުގައި ހިމެނޭ ޓީމެއްތޯ އެވެ. 
"ދުވަސްތައް މިހެން ދާއިރު، އަހަންނަށް މި ޓީމާ މެދު އޮތް އިތުބާރު ދަނީ ބޮޑުވަމުން. އަހަންނަށް، ސްޕެއިނަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު. މި މުބާރާތް އިންތިހާ އަށް ވާދަވެރި. މީހުން އުންމީދުކުރި ވަރުގެ ސަޕްރައިޒްތަކެއް އަދި ފެނިފައި ނެތަސް، ހަގީގަތާ ކުރިމަތިލާން އަހަރެން ތައްޔާރު. އަހަރެން މި ހުރީ ވަރަށް އުންމީދުގައި،" ސްޕެއިނަށް 2024 ވަނަ އަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދިން ކޯޗު، ޑެ ލަ ފުއެންޓޭ ބުންޏެވެ. 
ސްޕެއިނަށް ވުރެ ފްރާންސް މޮޅު ނޫން ކަމަށާއި، މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ވަކި ޓީމެއް ފޭވަރިޓެއް ނެތް ކަމަށް ސްޕެއިންގެ ތަރި ލަމީން ޔަމާލް ބުނެފިއެވެ. އޭނާ މިހެން ބުނީ ފްރާންސް އޮތީ މާ ރަނގަޅު ފޯމެއްގައި ކަމަށް ބުނެ އަމާޒުވި ސުވާލުތަކަށް ޖަވާބު ދެމުންނެވެ. ޔަމާލް އިތުރަށް ފާހަގަކުރި ގޮތުގައި ގްރޫޕް ސްޓޭޖުގެ ނަތީޖާތަކަށް ވުރެ މުހިންމީ ނޮކައުޓް ބުރުގެ ކުޅުމެވެ.
ސްޕެއިނުގެ ތަރި ލަމީން ޔަމާލް ވަނީ ފްރާންސަކީ ވޯލްޑް ކަޕްގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވޭނީ ސްޕެއިން އަތުން އެ ޓީމު މޮޅުވެއްޖެނަމަ ކަމަށް ބުނެފަ އެވެ. ފްރާންސަކީ ވޯލްޑް ކަޕްގެ ފޭވަރިޓެއްތޯ އެހުމުން، ޑެ ލަ ފުއެންޓޭ ވަނީ އެއްވެސް ކަމެއް "ގެރެންޓީ" ކޮށް ބުނެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. 
"ފްރާންސްގެ ވާހަކަ ދެއްކުމަކީ އާ ކަމެއް ނޫން. އެކަމަކު ފޭވަރިޓުންގެ ވާހަކަ އަކީ އެހެން ގެރެންޓީކޮށް އޮންނަ ކަމެއް ނޫން. އެންމެ މުހިންމު ތާރީހަކީ ޖުލައި 19 (ވޯލްޑް ކަޕް ފައިނަލް އޮތް ދުވަސް). މި ވަގުތު އެންމެ ބޮޑު ވިސްނުމެއް ހުރީ ކުރިމަތީގައި އޮތް މެޗަށް،" ޑެ ލަ ފުއެންޓޭ ބުންޏެވެ. 
ސްޕެއިނުން 2010 ވަނަ އަހަރު ފީފާ ވޯލްޑް ކަަޕްގެ ޗެމްޕިއަންކަން ހޯދި ފަހުން، މުބާރާތުގެ ނޮކައުޓް މެޗަކުން މޮޅެއްނުވެ އެވެ. އެ ގޮތުން، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، 2018 ވަނަ އަހަރުގެ ނޮކައުޓް ފުރަތަމަ މެޗުން ވަނީ ޕެނަލްޓީ ޖަހައިގެން ރަޝިއާ އަތުން ބަލިވެފަ އެވެ. އަދި، މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓްގެ ފުރަތަމަ މެޗުން ސްޕެއިން ވަނީ މޮރޮކޯ އަތުން ޕެނަލްޓީ ޖަހައިގެން ކަޓައިފަ އެވެ. 
އެންމެ ފަހުން ވޯލްޑް ކަޕްތަކުގައި އޮތް ރެކޯޑާ އެކު، މި ފަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓް ބުރަށް ސްޕެއިނުން ނުކުންނަނީ ކިހާ ޕްރެޝަރެއްގައި އޮވެތޯ ސުވާލުކުރުމުން ޑެ ލަ ފުއެންޓޭ ބުނީ، ޓީމުން އަމިއްލަ އަށް ރަނގަޅުކުރަން އެދޭ ކަންކަން މާ ގިނަ ކަމަށެވެ. 
"އަހަރެމެންނަކީ އަމިއްލަ ނަފްސަށްޓަކައި ވަރަށް ގިނަ ކަންކަން އަމިއްލަ އަށް ވެސް އެދޭ ބައެއް. މިއީ، ޕްރޮސަސް އެއް. އިދިކޮޅަށް ނުކުންނަ ޓީމަކާ ގުޅޭގޮތަށް ރޭވުންތައް ބައްޓަންކޮށްގެން ކުރިއަށްދާންވީ. ޓީމެއްގެ ގޮތުގައި އަހަރެެން އަބަދުވެސް މި ދަނީ ކުުރިއެރުން ހޯދަމުން. އެކަން ވަރަށް ރަނގަޅަށް މި ޓީމުން އެބަ ފެނޭ،" ޑެ ލަ ފުއެންޓޭ ބުންޏެވެ. 
އަނިޔާ އާއި ފިޓްނަސްގެ އެކިއެކި ކަންބޮޑުވުންތައް ހުރި ނަމަވެސް އެ އަށް ހައްލު ހޯދަމުން އަންނަ ކަމަށް ޑެ ލަ ފުއެންޓޭ ބުންޏެވެ. 
ސްޕެއިނާއި އޮސްޓްރިއާގެ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ