ކެނެޑާގެ އޮންޓޭރިއޯގައި ނިދާފައި އޮއްވާ މޫނުމައްޗަށް ވާލެއް އެރުމުގެ ސަބަބުން، އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖަކަށް ރޭބީސް ޖެހިގެން މަރުވެއްޖެ އެވެ.
ކެނެޑިއަން މެޑިކަލް އެސޯސިއޭޝަން ޖާނަލްގައި ހޯމަ ދުވަހު ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ 2024 ވަނަ އަހަރު އެވެ.
އެ ރިޕޯޓުގައި ނަން ހާމަކޮށްފައި ނުވާ އެ ކުއްޖާ، އޭނާ ހޭލިއިރު މޫނުމަތީގައި އޮތް ވާލުގައި ޖަހައި ފޮޅާލުމުން، އޭނާގެ ބައްޕަ އެ ވާ ހިފުމަށްފަހު ބޭރަށް ދޫކޮށްލީ އެވެ.
އެ ޖާނަލްގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުއްޖާގެ ހަށިގަނޑުން ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތުމުން ވަގުތުން ސިއްހީ އެހީތެރިކަން ހޯދާފައެއް ނުވެ އެވެ. ނަމަވެސް، އެ ހާދިސާ ހިނގިތާ 19 ދުވަސް ފަހުން، ކުއްޖާގެ މޫނު އައްސިވެ، މޫނު ދުޅަވާން ފެށި އެވެ.
ކެނެޑިއަން މެޑިކަލް އެސޯސިއޭޝަން ޖާނަލްގައިވާ ގޮތުން، އޭގެ ފަހުން އައި ދުވަސްތަކުގައި އާއިލާއިން އެ ކުއްޖާ ގޮވައިގެން ކްލިނިކްތަކަށާއި ހޮސްޕިޓަލްތަކަށް ގޮސް ކުއްޖާގެ ބަލި ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.
އެކި ޑަޔަގްނޯސިސްތަކަށް ފަހު، ބޮޑުވަރުވާން ފެށުމުން، ރޭބީސް ކަމަށް ޝައްކުކުރެވެން ފެށުނެވެ. އޭގެ ދުވަސްތަކެއް ފަހުން ހެދި ޓެސްޓުތަކުން އެކަން ކަށަވަރުވި އެވެ. އަދި ކެނެޑިއަން ފުޑް އިންސްޕެކްޝަން އެޖެންސީން ވަނީ އެއީ ވާލުގެ ފަރާތުން އަރާ ބާވަތެއްކަން ކަށަވަރުކޮށްފަ އެވެ.
އެ ކުއްޖާ މަރުވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ 17 ދުވަސް ފަހުންނެވެ.
ކެނެޑާގައި ރޭބީސް ބަލި ޖެހުމަކީ ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫނެވެ. ކެނެޑިއަން ވެޓެރިނަރީ މެޑިކަލް އެސޯސިއޭޝަނުން ބުނާ ގޮތުގައި، 1924 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި މި ބަލީގައި މަރުވެފައިވަނީ ޖުމްލަ 28 މީހުންނެވެ.
ވާލަކާ އެއްވެސް ކަހަލަ ކުރިމަތިލުމެއް ހިނގައިފި ނަމަ، ވަގުތުން ފަރުވާ ހޯދަން ސިއްހީ މާހިރުން ވަނީ ލަފާދީފަ އެވެ. ރިޕޯޓުގައިވާ ގޮތުން، މި ބަލީގެ އަލާމާތްތައް ފެންނަން ފަށައިފި ނަމަ، ގިނަ ފަހަރަށް އެ މީހަކު ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.
ނިދާފައި އޮއްވާ މޫނުމައްޗަށް އެރި ވާލެއްގެ ސަބަބުން ކެނެޑާ ކުއްޖަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ