އައްޑޫ ސިޓީ ހިތަދޫ "މައިލޯސިޓީ" ގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުން ގެންދާތީ، އެ ގެ ބަންދުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޢަމުރު ނެރެފިއެވެ.
މި ޢަމުރު ނެރެފައިވަނީ އިއްޔެއިން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ. މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 2-156 ވަނަ މާއްދާގެ ދަށުން ނެރުނު މި ޢަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދޭ ތަނެއް ބަންދުކުރުމަށް އެ ކޯޓުން ނެރުނު ދެވަނަ ޢަމުރެވެ.
އެގޮތުން، އެ ގެ ބަންދުކުރުމުގެ ޢަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުން ގެންދާތީއާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީއެވެ. މީގެއިތުރުން، އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިޔުމުގެ ސަބަބުން، އާންމު ސަލާމަތަށް ބުރޫ އެރުމާއި ބަޔަކަށް ނުރައްކާ ކުރިމަތިވަމުންދާކަމަށް އެ ޢަމުރުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު، ފުލުހުން އާންމުކޮށްފައިވާ މަޢުލޫމާތުގައި، އެ ގޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމަށާއި އެ ގެއާއި އެ ގެ ހިމެނޭ ސަރަޙައްދުގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި މީހުން ރަހީނުކުރުމާއި ވައްކަންކުރުން ފަދަ ޖިނާއީ ކުށްތައް ކުރަމުންދާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
ހިތަދޫ ޑްރަގް ކެފޭއެއް 90 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ