ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި ޕޯޗުގަލްއާ ދެކޮޅަށް ނުކުންނަ މެޗުގައި ނަތީޖާ ކަނޑައެޅޭނީ މިޑްފީލްޑުން ކަމަށް ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނެފިއެވެ.
ސަޕޯޓަރުން މި މެޗު ސިފަކުރަނީ ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް އާއި ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިމަތިލުމެއްގެ ގޮތުގައި ކަމުގައިވީ ނަމަވެސް ޑަލިޗް ދެކޭގޮތުގައި ދެ ޓީމުގެ މެދުތެރޭގައި ތިބި ވަރުގަދަ ކުޅުންތެރިންގެ ކުރިމަތިލުން މާ މުހިންމެވެ. މިއީ ވޯލްޑް ކަޕެއްގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
”މިއީ މިޑްފީލްޑަރުންގެ ހަނގުރާމައަކަށް ވާނެ ކަމަށް ގަބޫލުކުރަން. ޕޯޗުގަލްގެ މިޑްފީލްޑުގައި މޮޅު ކުޅުންތެރިން އެބަތިބި. އެ ޓީމު ޓެކްޓިކަލީ ވަރަށް ރަނގަޅު. މި މެޗުގައި ކޮންމެ ގޯހަކަށް ވެސް އަދަބު ލިބޭނެ،“ ޑަލިޗް ބުންޏެވެ.
ޕޯޗުގަލްއާ ބެހޭގޮތުން އޭނާ އިތުރަށް ބުނީ ”އެއީ ހުރިހާ ވަގުތެއްގައި ވެސް ބޯޅަ ގެންގުޅެން ބޭނުންވާ ޓީމެއް. މި ޓީމުގެ ބަލިފައި މަދު. އަދި ކޮންމެ ވަގުތެއްގައި ވެސް ނުރައްކާ އުފެއްދިދާނެ“ ކަމަށެވެ.
ކްރޮއޭޝިއާ ވަނީ ފެށުމުގައި އިންގްލެންޑް އަތުން ބަލިވި ނަމަވެސް ޕެނަމާ އަތުން 1-0 އިން އަދި ގާނާ އަތުން 2-1 އިން މޮޅުވެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ޕޯޗުގަލުން ގްރޫޕް ސްޓޭޖުގައި ހޯދީ އެންމެ މޮޅެކެވެ. އެއީ އުޒްބެކިސްތާން އަތުންނެވެ. ޑީއާރް ކޮންގޯ އާއި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުތަކުން ޕޯޗުގަލް ވަނީ އެއްވަރުވެފައެވެ.
ކްރޮއޭޝިއާގެ މެދުތެރޭގައި ހިމެނެނީ އުމުރުން 40 އަހަރުގެ ކެޕްޓަން ލޫކާ މޮޑްރިޗް އާއި އިންގްލެންޑް ކޮޅަށް ގޯލު ޖެހި މާޓިން ބަޓޫރީނާ އަދި ގާނާ ކޮޅަށް ގޯލު ޖެހި ޕެޓާ ސޫޗިޗް އެވެ. ޕޯޗުގަލްގެ މެދުތެރޭގައި ތިބީ ވިޓީނިއާ އާއި ޖޮއާ ނެވޭސް އަދި ބްރޫނޯ ފެނާންޑެސް އެވެ. ނަމަވެސް ގިނަ ބައެއްގެ ސަމާލުކަން ހުރީ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ.
ރާއްޖޭގަޑިން މިރޭ ދަންވަރު 4:00 ގައި ކުޅޭ މި މެޗަކީ މޮޑްރިޗް ނުވަތަ ރޮނާލްޑޯގެ ވޯލްޑް ކަޕް އަލްވަދާއު މެޗަށް ވާނެ ކަމަށް ބެލެވެއެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް ޕޯޗުގަލާއި ކްރޮއޭޝިއާ މެޗުގެ ހަގީގީ ކުރިމަތިލުން ފެންނާނީ މިޑްފީލްޑުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ