މިދިޔަ ޖޫން މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ދަށަށް

2026 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖޫން މަހާއި އަޅާ ބަލާއިރު ދަށަށް ގޮސްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 123,552 (އެއްލައްކަ ތޭވީސްހާސް ފަސްސަތޭކަ ދޭއް) ފަތުރުވެރިންނެވެ. މިއީ 2025 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކުރި 141,772 (އެއްލައްކަ ސާޅީސް އެއްހާސް ހަތްސަތޭކަ ހަތްދިހަ ދޭއް) ފަތުރުވެރިންނާ އަޅާބަލާއިރު 12.9 އިންސައްތައިގެ ދަށްވުމެކެވެ.
މީގެ އިތުރުން، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 5.1 އިންސައްތަ ދަށްވެފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ ކުރީކޮޅު ފަތުރުވެރިން އައި މިންވަރު ރަނގަޅުވި ނަމަވެސް، އަހަރުގެ މެދުތެރެއަށް އެޅުނުއިރު މި އަދަދުތައް ވަނީ ދަށްވާން ފަށާފައެވެ. ހާއްސަކޮށް ޖޫން މަހުގެ ދަށްވުމަކީ ފަތުރުވެރިކަމުގެ ބާޒާރަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ:
ޗައިނާ: 168,667 ފަތުރުވެރިން
ރަޝިޔާ: 150,187 ފަތުރުވެރިން
ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ): 86,447 ފަތުރުވެރިން
އިޓަލީ: 73,928 ފަތުރުވެރިން
ޖަރުމަނުވިލާތް: 62,133 ފަތުރުވެރިން
ފަތުރުވެރިން އަންނަ މިންވަރު މަދުވެފައިވަނީ މެދުއިރުމަތީގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. މި ނުތަނަވަސްކަމުގެ ސަބަބުން ބައެއް ފްލައިޓްތައް ކެންސަލްވުމާއި، ބައެއް ސަރަހައްދުތަކުން ރާއްޖެއަށް އައުމަށް ހުރި ފުރުސަތުތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި ވަގުތު ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތް ދިނުމަށް 179 ރިސޯޓް، 16 ހޮޓާ، 926 ގެސްޓްހައުސް އަދި 173 ސަފާރީ އުޅަނދު ދަނީ ހިންގަމުންނެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، ވައިގެ މަގުން ރާއްޖެއާ ގުޅާލެވޭ މިންވަރު އިތުރުކޮށް، އާ ބާޒާރުތައް ހޯދައި ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ