ސޯބެ އެންމެ ފަހުން ދެ ކޮމިޓީއަކަށް ލައިފި

ބައި އިލެކްޝަން ކާމިޔާބުކުރައްވައި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އެންމެ ފަހުން ވަޑައިގެންނެވި، އަބްދުﷲ ސޯދިގު (ސޯބެ) ރަނގަޅު ކޮމިޓީއަކަށް ނުލާތީ އިދިކޮޅު އެމްޑީޕީން މަޖިލީހުގައި އިހުތިޖާޖުކޮށްފައި ވަނިކޮށް އޭނާއަށް ދެ ކޮމިޓީއަކުން ޖާގަދީފި އެވެ.
އައްޑޫގެ މޭޔަރުކަން ތިން ދައުރެއްގައި އަދާކުރައްވާފައިވާ ސޯބެއަށް ޖާގަދިނީ އާއްމުކޮށް ގިނަ މަސައްކަތްތަކެއް އޮންނަ ލާމަރުކަޒީ ކޮމިޓީ އާއި ގިނަ މައްސަލަތަކެއް ހުށަހަޅާ އެންވަޔަރްމަންޓް ކޮމިޓީންނެވެ.
މަޖިލީހުގެ ލާމަަރުކަޒީ ކޮމިޓީއަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ހުރިހާ ކަމެއް ބަލައި ދިރާސާކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީ އާއި ކޯކަލް ކައުންސިލުތަކާ ގުޅޭ ކަންތައްތައް ބަލާނީ އެކޮމިޓީންނެވެ. 
ސޯބެ އަށް ޖާގަ ދިން ދެވަނަ ކޮމިޓީ އަކީ ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންތައްތައް ބަލާ ދިރާސާކުރާ އެންވަޔަރްމެންޓް ކޮމިޓީ އެވެ.
The most trusted news source in the Maldives
އެންވަަޔަރްމެންޓް މިނިސްޓްރީ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސައްކަތް ހިނގާ ގޮތް ބެލުމާއި އެ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީއަށް ފެންނަ ލަފާދިނުމަކީ އެ ކޮމިޓީގެ ޒިންމާއެކެވެ.
ސޯބެ "ރަނގަޅު ކޮމިޓީއަކަށް" ނުލައިގެން ކަންބޮޑުވުން ފާޅުކޮށް މިދިޔަ މަހުގެ 24 ގައި އެމްޑީޕީ މެމްބަރުން މަޖިލީހުގައި ކުރި އިހުތިޖާޖާ ގުޅިގެން އެ ޕާޓީގެ ނުވަ މެންބަރުން މަޖިލީހުގެ ތަޅުމުން ނެރުނެވެ.
މަޖިލީހުގެ އިދާރާ ކުރިމަތީ އެ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްޑީޕީގެ ޕާލަމެންޓްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުން އެ ދުވަހު ފާޅުކުރި ކަންބޮޑުވުމަކީ އެދުވަހު އެކަނި ހިނގައިދިޔަ ކަމެއް ނޫން ކަމަށެވެ.
އެއީ އޭނާ ވިދާޅުވި ގޮތުގައި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރައްވައި އެ ދާއިރާގެ މެމްބަރުކަމުގެ ހުވާ ސޯބެ ކުރެއްވި ދުވަހުން ފެށިގެން އޮތް ކަންބޮޑުވުމެކެވެ. މަޖިލީހުގެ ކޮމިޓީއެއްގައި ސޯބެ ހިމަނަން ފުރަތަމަ ދުވަހުން ފެށިގެން މަަސައްކަތް ކުރައްވަމުން ގެންދަވާފައި ވާނެ ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
"ފުރަތަމަ ދުވަހު އަޅުގަނޑަށް ލިބުނު ޖަވާބަކީ ސޯބެއަށް ރަނގަޅު ކޮމިޓީތަކެއް ދެވޭނީ ސޯބެ މަޖިލީހުގައި ޕާފޯމްކުރާ ގޮތަކުންނޭ،" ނާޒިލް ވިދާޅުވި އެވެ.
މަޖިލީހުގެ އުސޫލުގައި ރޭޝިއޯ އޮންނަ ގޮތުން އެމްޑީޕީ އަށް ދެ ކޮމިޓީން ޖާގަދޭން ޖެހޭ ކަމަށާއި މަޖިލީހުގެ ކޮންމެ ކޮމިޓިއަކުން އެއް ޖާގަ އެމްޑީޕީއަށް އޮންނަ ޖެހޭ ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ. އެހެން އެކަން އޮތުމުން ދެ ޖާގަ އިތުރަށް ދޭން އެދިފައި ވާނެ ކަމަށާއި އެކަމުގައި ގޮތް ނިންމަން ޖެހޭނީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ