ފައިނޭންޝަލް އެކްސްޕޯގައި ޕޭޕަލް އެކައުންޓް ލިންކު ކޮށްދިނުމުގެ ހިދުމަތް އުރީދޫން ދެނީ

މިއަދު ފެށި ފައިނޭންޝަލް އެކްސްޕޯގައި އުރީދޫ ފިންޓެކްގެ ސްޓޯލުން އެ ކުންފުނީގެ ޑިޖިޓަލް މާލީ ނިޒާމު ދައްކާލާއި އެކި ހިދުމަތްތަކާ ގުޅޭ މައުލޫމާތު ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. 
އުރީދޫން ބުނީ އެ ސްޓޯލްގައި ދާދި ފަހުން ތައާރަފުކުރި، އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމަށެވެ. މި ހިދުމަތުން ކަސްޓަމަރުންނަށް
ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރުގެ ފައިސާ، ސީދާ އެމް-ފައިސާ ވޮލެޓަށް ލިބޭނެ މަގު
ފަހިކޮށްދޭނެ އެވެ. މިއީ ފްރީލާންސަރުންނާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި،
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އުފެއްދުންތެރިންގެ އިތުރުން އެހެނިހެން ވިޔަފާރިތަކަށް
ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ބައިވެރިވުމަށް ލިބޭ ފުރުސަތެކެވެ. 
މި އެކްސްޕޯގައި އުރީދޫ
މޯލްޑިވްސްގެ ހެޑް އޮފް ފިންޓެކް އަހުމަދު ނުއުމާން، ޑިޖިޓަލް ޕޭމަންޓްތަކާއި މާލީ އީޖާދުތަކުގެ
މުސްތަގްބަލާ ބެހޭގޮތުން ބާއްވާ ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި މަޝްވަރާގައި، ޑިޖިޓަލް މާލީ ހިދުމަތްތަކުގެ ސަބަބުން މާލީ ދާއިރާގައި އެންމެންގެ
ބައިވެރިވުން އިތުރުވަމުންދާ ގޮތާއި، ބައިނަލްއަގުވާމީ ބާޒާރުތަކަށް މަގުފަހިވަމުންދާ
ގޮތުގެ މައްޗަށް އޭނާގެ ތަޖުރިބާތައް ހިއްސާކުރާނެ އެވެ. 
އުރީދޫ އަކީ މި އެކްސްޕޯގެ ޕާޓްނަރެކެވެ. އުރީދޫން ބުނީ މާލީ ދާއިރާގެ މުހިންމު ފަރާތްތައް އެއްތަނަކުން ބައްދަލުވެ، މާލީ ހޭލުންތެރިކަމާއި، އީޖާދީ ކަންކަމާއި، އަދި މާލީ ކަންކަމުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް ބާއްވާ މިފަދަ ހަރަކާތެއްގައު ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެކުންފުންޏަށް ލިބޭ ފަހުރެއް ކަމަށެވެ. 
މިއަދު ފެށި ފައިނޭންޝަލް އެކްސްޕޯ އާއްމުންނަށް ހުޅުވާލާނީ މިއަދު ހަވީރު އެވެ. މި އެކްސްޕޯ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި މެންދުރު ފަހު 3 އިން ރޭގަނޑު 10 އަށް ކުރިއަށް ދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ