އެޕާޓްމެންޓެއްގައި ރޯވުން: އިތުރު ދެ އެޕާޓްމެންޓެއްގައި ވެސް ދިރިނޫޅެވޭވަރުވެ، ޖުމްލަ 15 މީހުން ވަގުތީ ހިޔާއަށް

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 110 ވަނަ ފުލެޓުގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ތިން އެޕާޓްމަންޓެއްގައި ދިރިއުޅެމުންދިޔަ ޖުމްލަ 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 01:07 އެހައިކަންހާއިރު އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ދަންވަރު 01:23 ހާއިރެވެ. ފުލުހުން ވަނީ، އަލިފާން ނިއްވުމުގައި އެ މުއައްސަސާއާއި އާންމު ރައްޔިތުން ވެސް ބައިވެރިވި ކަމަށް ބުނެފައެވެ. https://x.com/NDMAmv/status/2072451946171203623?s=20 މިފަދަ ހާދިސާތަކުގައި އެހީ ފޯރުކޮށްދޭ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފުލުހުންނާ ހަވާލާދީ ބުނި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިން ރޫމުގައި އޮތް 'ޓޫލް މެލްޓިން ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުންނެވެ. މި ހާދިސާ ހިނގިއިރު އެ ގޭގައި ދިރިއުޅެމުން ދިޔަ ހަތް ދިވެހިންގެ ތެރެއިން ފަސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުޑަކުދިންވެސް ހިމެނެއެވެ. އެ އިދާރާއިން ބުނި ގޮތުގައި އެ އެޕާޓްމަންޓުގައި 18 އަހަރުން ދަށުގެ ދެ ކުޑަކުދިން ދިރިއުޅެއެވެ. އެއީ އެއް އަހަރުގެ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. އަދި 18 އަހަރުން މަތީގެ އަންހެނަކާއި ހަތަރު ފިރިހެނުންނެވެ. ރޯވި އެޕާޓްމެންޓް: އިތުރު ދެ އެޕާޓްމެންޓެއްގައި ވެސް ދިރިނޫޅެވޭވަރުވެ، ޖުމްލަ 15 މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވޭ -- ފޮޓޯ/ އެންޑީއެމްއޭ ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ އެންޑީއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އެކެއްގެ އަތާއި ފައިގެ 12 އިންސައްތަ ފިހިފައިވެއެވެ. އަދި މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ އެ މީހާއަށް އެކަނި ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އާއިލާއިން މައުލޫމާތު ދޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. މީގެ އިތުރުން، ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް އެ އާއިލާއަށް ބޭނުންވާ ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އަލިފާން ރޯވި އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިތުރަށް ދިރިނޫޅެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މުޅި އެޕާޓްމަންޓް ވަނީ ދުމާއި އަލިފާނުގެ ސަބަބުން ކަޅުވެ، ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތިވެފައެވެ. ހުޅުމާލޭގައި ރޯވި ފުލެޓް: އެ ހާދިސާގައި، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ -- ފޮޓޯ/ އެމްއެންޑީއެފް އެންޑީއެމްއޭއިން ބުނީ، އެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ އެއްވަނަ ފަންގިފިލާއާއި ތިންވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓަކަށް ދިރިނޫޅެވޭ ވަރަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ އެޕާޓްމެންޓުތަކުން އަށް ދިވެހިންނަށް ވެސް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިން ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެންޑީއެމްއޭއިން ބުނި ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން މަތީގެ ހަ މީހަކާއި ހަތަރު އަހަރުގެ އަންހެން ކުއްޖަކާއި ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ކަމާބެހޭ އިދާރާތަކުން ދަނީ ގެއްލުން ލިބުނު އާއިލާތަކުގެ ހާލަތު ގާތުން މޮނިޓަ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ