ދައުލަތުން ދޫކޮށްފައިވާ ސޮވެރިން ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ، އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ކުރާ އިތުބާރު ވަރުގަދަވުމަށް މަގުފަހިވި ކަމެއް ކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އިންތިޒާމުކޮށްގެން އަލަށް ތަޢާރަފުކުރި "މޯލްޑިވްސް ފައިނޭންޝިއަލް ސެކްޓަރ އެވޯޑްސް" ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސުކޫކް އަނބުރާ ދެއްކުނީ ދުރާލައި ރޭވުނު މާލީ ރޭވުންތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
"ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ ހިކުމަތްތެރިކަމާއެކު ރޭވުންތައް ރާވައި، މާލީ އިދާރާތަކުގެ މެދުގައި ބަދަހި ގުޅުމެއް ބާއްވައި ރާއްޖެއަށް އެންމެ ފައިދާހުރި ނިންމުން ނިންމުމުގެ ނަތީޖާ،" ޒަރީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ސުކޫކް ދެއްކުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު ދަށްވެފައިވާ ކަމަށާއި، އެ އަދަދު ދަނީ ދުވަހުން ދުވަހަށް ކުޑަވަމުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިއާއެކު ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަމަށާއި، މިއީ ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުގެ އިތުބާރު ރާއްޖެއަށް އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ.
ޒަރީރު އިތުރަށް ވިދާޅުވީ، ގައުމުގެ މާލީ ހަމަޖެހުމާއި ދެމެހެއްޓެނިވި ކުރިއެރުން ކަށަވަރުކުރުމަށްޓަކައި، ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތައް ތަންފީޒުކުރުމުގައި މި ދެ މުއައްސަސާއިން ގުޅިގެން މަސައްކަތްކުރުން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި މި ގުޅުމުގެ ސަބަބުން، ރައްޔިތުންނަށާއި އިގްތިސާދަށް ބުރައަކަށް ނުވާނެހެން ދައުލަތުގެ މާލީ އިލްތިޒާމުތައް ފުރިހަމަކުރުމަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވިއެވެ.
އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ގޮވާލައްވަމުން ޒަރީރު ވިދާޅުވީ، ބައެއް ފަހަރު އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު ނަމަވެސް، އެއީ ގައުމީ މަސްލަހަތާއި އަންނާން އޮތް ޖީލުތަކުގެ ލާބައަށްޓަކައި ކޮންމެހެން ބޭނުންތެރި ނިންމުންތަކެއް ކަމަށެވެ.
ސުކޫކް އަނބުރާ ދެއްކުމަކީ މާލީ ހާލަތަށް އޮތް އިތުބާރު ބޮޑުވެގެންދިޔަ ކަމެއް: ޒަރީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ