މިކަހަލަ ނަތީޖާ ހެޔޮނުވާނެ، އެކަމަކު ބެލްޖިއަމަށް އެ ލިބުނީ އެކަހަލަ އާދަޔާ ހިލާފު މޮޅެއް

މެޗު ނިމެން ހަތަރު މިނިޓަށް ވީއިރު ވެސް ހަމަޖެހިލައިގެން ކުރީގައި އޮތީ ސެނެގޯލް އެވެ: އެންމެ ލަނޑެއް ނޫނެވެ. ދެ ލަނޑުންނެވެ.
އެކަމަކު ދެން އައީ ބެލްޖިއަމްގެ ފެށުމެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮމެލޫ ލުކާކޫ 86 ވަނަ މިނިޓްގައި ފުރަތަމަ ލަނޑު ޖެހި އެވެ.
ގޯލުގެ ކުރިމައްޗަށް ލިއަންޑްރޯ ޓްރޮސާޑް ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި، 2-2އިން އެއްވަރުކޮށްދިނީ، 89 ވަނަ މިނިޓްގައި، ޔޫރީ ޓީލެމެންސް އެވެ.
ޓްރޮސާޑްގެ މި ބޯޅައަކީ މި ވޯލްޑް ކަޕްގައި ލަނޑު ޖަހަން އޭނާ އުފެއްދި 16 ވަނަ ފުރުސަތެވެ. މުބާރާތުގައި އެވަރަށް ފުރުސަތު ތަނަވަސްކޮށްދިން އެހެން ކުޅުންތެރިޔަކު އަދި ނެތެވެ.
ޓީލެމެންސްގެ މި ލަނޑާ އެކު ގަދަ 32ގެ މި ވަރުގަދަ ހިފުން ގެންދިޔައީ އިތުރު ވަގުތުގެ ދެ ހާފަށެވެ. މިއީ ވޯލްޑް ކަޕްގައި 2-0ގެ ތަފާތުން ފަހަތުގައި އޮތް ޓީމެއް މެޗުގެ އެހާ ފަހު ވަގުތު އެއްވަރުކޮށް، އިތުރު ދެ ހާފަށް މެޗު ފުރޮޅާލި ފުރަތަމަ ފަހަރެވެ.
މެޗު ނިމެން މިސްރާބު ހުރީ ޕެނެލްޓީއާ ދިމާލަށެވެ. ނަމަވެސް އެ ފުރުސަތެއް ވެސް ސެނެގޯލަކަށް ނުލިބުނެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި،  ޓްރޮސާޑް އަނެއްކާވެސް އޭރިޔާ ތެރެއަށް ކޮށްލި ޕާހުގައި ޓީލެމެންސް ޖަހަން އުޅެނިކޮށް އެ ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ސެނެގޯލްގެ ލަމީން ކަމަރާގެ ފައި އަރަނީ ޓީލެމެންސްގެ ފަޔަށެވެ.
އެއީ ފައުލެއްތޯ ޗެކްކުރަން ވީއާރުއޭއަށް ބަލަން ގިނަ ވަގުތުތަކެއް ވެސް ހޭދަވި އެވެ. އެކަމަކު ސީޓްލް ސްޓޭޑިއަމަށް ވަދެ ތިބި 66،000އަށް ވުރެ ގިނަ މީހުންގެ ކުރިމަތީގައި ރެފްރީ ނިންމީ އެއީ ފައުލެއް ކަމަށާއި ޕެނެލްޓީއެއް ކަމަށެވެ.
ޓީލެމެންސް އެ ޕެނެލްޓީ ކާމިޔާބުކުރީ މެޗުގެ 124 މިނިޓް 44 ސިކުންތުގަ އެވެ. އެހެންކަމުން މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ނަތީޖާ ނެރެދިން އެންމެ ފަހު ވަގުތުގެ ލަނޑެވެ.
މުބާރާތުން ކެޓިޔަސް ސެނެގޯލަށް ތައުރީފް ހައްގެވެ. މި މުބާރާތުގައި ޖެހި 10 ލަނޑަކީ އެފްރިކާގެ ގައުމަކުން މިހާތަނަށް ވޯލްޑް ކަޕެއްގައި ކާމިޔާބުކުރި އެންމެ ގިނަ އަދަދެވެ.
ގަދަ 16ގައި ބެލްޖިއަމް ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ. އެމެރިކާ ވަނީ މިއަދު ހެނދުނު ކުޅުނު ގަދަ 32ގެ މެޗުގައި ބޮސްނިއާ 2-0 އިން ބަލިކޮށްފަ އެވެ.
އެމެރިކާ އާއި ބެލްޖިއަމް މެޗު އޮންނާނީ 7 ޖުލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ