އެމެރިކާއާއެކު މުޢާމަލާތުކުރާނެ ޗެނަލެއް ހުޅުވަން އީރާނުން ނިންމައިފި

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލުމަށް ދެ ހަފުތާ ކުރިން ސޮއިކުރި އެއްބަސްވުމާ ޚިލާފުވާ މައްސަލަތައް ރިޕޯޓްކުރުމަށްޓަކައި އެމެރިކާއާއެކު މުޢާމަލާތު ކުރާނެ ޚާއްޞަ ޗެނަލެއް ހުޅުވަން އީރާނުން ނިންމައިފިއެވެ.
ޣަރީބްއާބާދީ ވިދާޅުވިގޮތުގައި، ފްރީޒްކޮށްފައި ހުރި އީރާނުގެ 6 ބިލިއަން ޑޮލަރުގެ މިލްކިއްޔާތުގެ ތެރެއިން ބައެއް، ތެހެރާނަށް ބޭނުންވާ މުދާ ގަތުމަށް ބޭނުންކުރާނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ބުނެފައިވަނީ އެ ފައިސާ ބޭނުންކުރެވޭނީ ހަމައެކަނި އެމެރިކާގެ އުފެއްދުންތައް ގަތުމަށް ކަމަށެވެ. ނަމަވެސް ޤަޠަރުގެ ސެންޓްރަލް ބޭންކާއެކު ބޭއްވި ބައްދަލުވުންތަކުގައި، އީރާނުން ބޭނުންވާ މުދާ ގަނެވޭނެ ގޮތް ހެދުމަށް ވަނީ އެއްބަސްވެފައެވެ.
ޤަޠަރާއި ޕާކިސްތާނުގެ މެދުވެރިން ބުނި ގޮތުގައި މި މަޝްވަރާތަކުން ހެޔޮ ބަދަލުތަކެއް ފެންނަމުންދެއެވެ. އަދި އީރާނުގެ ކުރީގެ ރޫޙާނީ މުރްޝިދުގެ ޖަނާޒާގެ ކަންކަން ނިމުމުން، ވީ އެންމެ އަވަހަކަށް ދެން އޮންނަ ބައްދަލުވުން ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ހޯރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމާ ބެހޭގޮތުންނާއި، ޚިޔާލުތަފާތުވުންތަކާ ހުރެ ދެގައުމުން ބަދަލުކުރެވުނު ޙަމަލާތަކަށްފަހު ހަނގުރާމަހުއްޓާލުން ކަށަވަރުކުރުމެވެ.
މި އެއްބަސްވުމުގައި ހިމެނެނީ 60 ދުވަހުގެ ހަމަލާބަދަލުކުރުން ހުއްޓާލުމާއި، ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ އިތުރުން ހަނގުރާމަ ދާއިމީކޮށް ނިންމުމަކަށް ގެނައުމާއި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ބެހޭގޮތުން ފައިނަލް ޑީލަކަށް ދިއުމުގެ ތާވަލެކެވެ.
މި މަޝްވަރާތަކާ ގުޅިގެން ޓްރަމްޕް ނޫސްވެރިންނަށް ބުނީ އީރާނާއެކު ވަރަށް ރަނގަޅު ބައްދަލުވުންތަކެއް ބޭއްވުނު ކަމަށާއި، އީރާނުގެ ނިއުކްލިއަރ ނައްތާލުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ބުނީ، އަންނަ މަހުގެ މުހުލަތުގެ ކުރިން އެމެރިކާއިން އަލުން ހަނގުރާމައަށް ނުދާނެ ކަމުގެ ގެރެންޓީއެއް ނެތް ކަމަށާއި، އެއީ އީރާނުން އަމަލުކުރާ ގޮތެއްގެ މައްޗަށް ބިނާވާނެ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ