ލަންކާގެ އިގުތިސާދީ އިސްލާހީ އެޖެންޑާއަށް ވޯލްޑް ބޭންކުން 150 މިލިއަން ޑޮލަރުގެ އެހީއެއް

ސްރީލަންކާގެ އިގުތިސާދީ އިސްލާހީ އެޖެންޑާއަށް އެއްބާރުލުން ދިނުމުގެ ގޮތުން، 150 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ދޫކުރުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.
މި ފައިސާ އަކީ އެ ގައުމުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ވާދަވެރިކަން ވަރުގަދަކޮށް ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް ދޭ އެހީއެކެވެ.
"ސްރީލަންކާ ރިފޯމްސް ފޯ ގްރޯތު، ރެޒިލިއަންސް އެންޑް އޯޕަންނަސް ޑިވެލޮޕްމަންޓް ޕޮލިސީ އޮޕަރޭޝަން" (ރީގްރޯ ޑީޕީއޯ) ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ، ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދަން ނިންމާފައިވާ ސިލްސިލާގެ ފުރަތަމަ މަރުހަލާ އެވެ. މިއީ މީގެ ކުރިން ކުރިއަށްގެންދިޔަ "ރެޒިލިއަންސް، ސްޓެބިލިޓީ އެންޑް އިކޮނޮމިކް ޓާންއަރައުންޑް" (ރިސެޓް) ޑީޕީއޯ ސިލްސިލާގެ ދަށުން ލިބުނު އެހީތަކުގެ މައްޗަށް ބިނާކޮށް، އިގުތިސާދު ހަމަޖެއްސުމުގެ ބަދަލުގައި ދިގު މުއްދަތުގެ ކުރިއެރުމަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ މަޝްރޫއެކެވެ.
ރީގްރޯ ސިލްސިލާގެ މައިގަނޑު މަގުސަދަކީ، ގުތިސާދު ކުރިއެރުވުމަށާއި ވަޒީފާ އުފެއްދުމަށް ބޭނުންވާ އިގުތިސާދީ ހިންގުންތެރިކަމާއި ވާދަވެރިކަން ވަރުގަދަކުރުމަށް ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ސިލްސިލާގެ ފުރަތަމަ މަރުހަލާގެ ދަށުން ބަޖެޓަށް އެހީތެރިކަން ފޯރުކޮށްދެނީ ވިޔަފާރީގެ ހުރަސްތައް ނައްތާލުމަށާއި، އިންވެސްޓްމަންޓަށް ފަހި މާހައުލެއް ގާއިމުކުރުމަށާއި، މާލީ ދާއިރާ ހަރުދަނާކުރުމަށް ގެންނަ އިސްލާހުތަކާ ގުޅުވައިގެންނެވެ. މީގެ އިތުރުން، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، ހަކަތައިގެ ދާއިރާގެ ވާދަވެރިކަން އިތުރުކޮށް ހިދުމަތްތައް ރަނގަޅުކޮށް އަގުތައް ހެޔޮކުރުމަށް ކުރާ މަސައްކަތްތަކަށް ވެސް މި އެހީގެ ދަށުން އެއްބާރުލުން ދޭނެ އެވެ.
"ސްރީލަންކާގެ އިގުތިސާދު ހަމައަކަށް އެޅުވުމުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދިފައި. މިހާރު އެންމެ މުހިންމީ އަމިއްލަ އިންވެސްޓްމަންޓްތައް އިތުރުކޮށް، އަގުބޮޑު މުދާ އެކްސްޕޯޓްކުރުމަށް މަގުފަހިކޮށް، ވަޒީފާ އުފެއްދޭނެ ފަދަ އިސްލާހުތައް ކުރިއަށް ގެންދިއުން،" ވޯލްޑް ބޭންކުން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ގެވޯގް ސަރްގްސްޔަން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ރީގްރޯ ޑީޕީއޯގެ ސަބަބުން ސްރީލަންކާގެ އިގުތިސާދަކީ ވާދަވެރި، ދެފުށް ފެންނަ އަދި ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ދެމެހެއްޓެނިވި އިގުތިސާދަކަށް ހެދުމަށް މަގުފަހިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ