މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ދޭ "އެކްސެލެންސް އިން ފައިނޭންޝަލް
އިންކްލޫޝަން" އެވޯޑު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި
އެލައިޑް އިންޝުއަރެންސަށް ލިބިއްޖެ އެވެ.
މި
އެވޯޑުތައް ހަވާލުކޮށްފައިވަނީ ރާއްޖޭގެ މާލީ ދާއިރާގެ އަގުވަޒަންކުރުމަށް އަލަށް
ތައާރަފުކުރި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަ އެވޯޑްސް" ގައެވެ. އެ އެވޯޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މާލީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެ
ދެ މުއައްސަސާއިން ކޮށްފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ
ގޮތުން ދިން އެވޯޑެކެވެ.
އެމްއެމްއޭއިން ބުނީ އެ އިދާރާގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި އެ ރަސްމިއްޔާތުގައި ތައާރަފުކުރި އެ އެވޯޑްތައް ދެނީ ރާއްޖޭގެ މާލީ ނިޒާމު ތަރައްގީކޮށް، ޒަމާނީކުރުމަށް މުހިންމު ހިދުމަތްތަކެއް ކުރަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ކަމަށެވެ.
މޯލްޑިވްސް
އިސްލާމިކް ބޭންކަށް އެ އެވޯޑު ލިބުނީ، އެ ބޭންކުން ތައާރަފުކުރި "އެޕްލައި
ނައު" ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ބޭންކިން ހިދުމަތްތަކަށް ވާސިލުވުން
ފަސޭހަކޮށްދިނުމާއި، މުޅި ރާއްޖޭގައި އިސްލާމިކް ބޭންކިންގެ އުސޫލުތައް
ފުޅާކުރުމަށް ކުރި މަސައްކަތުގެ ސަބަބުންނެވެ. އެވޯޑުތައް ދިނުމުގައި ބައިވެރިވި ޕެނަލުން ބުނީ އެމްއައިބީގެ ޑިޖިޓަލް ޕްލެޓްފޯމުގެ ސަބަބުން ކަސްޓަމަރުންނަށް ދުރުގައި ތިބެގެން
ބޭންކިން ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ފަހިވެ، މާލީ މުއާމަލާތްތަކުގައި
ބައިވެރިވުމަށް އޮތް ދަތިތަކަށް ލުޔެއް ލިބުނު ކަމަށެވެ.
އެލައިޑް
އިންޝުއަރެންސް ކޮމްޕެނީއަށް ހާއްސަ އެވޯޑު ލިބުނީ، ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާ
ފުޅާކޮށް، ގިނަ ބަޔަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި އަދާކުރި މުހިންމު
ދައުރަށްޓަކައެވެ. އެވޯޑު ޕެނަލުން ފާހަގަކުރި ގޮތުގައި، އާންމު ފަރުދުންނާއި
ވިޔަފާރިތަކަށް އިންޝުއަރެންސްގެ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ،
މާލީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއަށް ގިނަ ބަޔަކު ވެެއްދުމަށް އެ ކުންފުނިން
ނަމޫނާ ދައްކާފައިވާ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ، މާލީ ދާއިރާ
ތަރައްގީ ކުރުމުގައި މާލީ ބައިވެރިވުން (ފައިނޭންޝަލް އިންކްލޫޝަން) އިތުރުކުރުމަކީ
އެންމެ މުހިންމު އެއް އަސާސް ކަމަށެވެ. އަދި ބޭންކިންގ، އިންޝުއަރެންސް، ސޭވިންގްސް އަދި ފައިސާ ދެއްކުމުގެ
ނިޒާމުތައް ހަރުދަނާވުމަކީ ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް އެއިދާރާއިން ބުންޏެވެ.
މޯލްޑިވްސް
ފައިނޭންޝަލް ސެކްޓަ އެވޯޑްސް ޖުމްލަ ހަތް ދާއިރާއަކުން ދީފައިވެ އެވެ. އޭގެ ތެރޭގައި މާލީ ބައިވެރިވުން، މާލީ ހޭލުންތެރިކަމާއި ކަސްޓަމަރުން ބާރުވެރިކުރުވުން،
ޑިޖިޓަލް ފައިނޭންސް އަދި އިނޮވޭޝަން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް
މާލީ އެހީތެރިކަން ފޯރުކޮށްދިނުން، ތިމާވެއްޓާ ރައްޓެހި މާލީ ހިދުމަތްތައް، އައު
މާލީ އީޖާދުތައް، އަދި މާލީ ދާއިރާއަށް ކޮށްފައިވާ ހާއްސަ ހިދުމަތުގެ އެވޯޑު ވެސް ހިމެނެ އެވެ.
ތިމާވެއްޓާ ރައްޓެހި މާލީ ހިދުމަތްދޭ އެވޯޑް ލިބުނީ ބީއެމްއެލްއަށެވެ. އަދި ފަހިޕޭހއަށް ވަނީ ޑިޖިޓަލް ފައިނޭންސް އަދި އިނޮވޭޝަން އެވޯޑް ލިބިފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ އެމްއެމްއޭގެ ގަވަރުނަރުކަން ކުރެއްވި އަދި ޑެޕިއުޓީ ގަވަރުނަރުކަން ކުރެއްވި 10 ބޭފުޅުންނަށް ވެސް އެވޯޑު ދީފަ އެވެ. އޭގެ ތެރޭގައި މައުމޫން އަބްދުލް ގައްޔޫމާއި ގާސިމް އިބްރާހިމް އާއި އަބްދުﷲ ޖިހާދާއި ޑރ ފަޒީލް ނަޖީބާއި ޑރ އަޒީމާ އާދަމާއި އަހުމަދު ނަސީރާއި އަލީ ހާޝިމް ހިމެނެ އެވެ.
އެމްއެމްއޭއިން ދޭ ފައިނޭންޝަލް އިންކްލޫޝަން އެވޯޑު އެމްއައިބީ އަދި އެލައިޑަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ