ބިންހެލުންތައް އައިތާ ހަ ދުވަސް ފަހުން އިމާރާތެއްގެ ދަށުން ތިން އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފި

ވެނެޒުއޭލާއަށް ބާރުގަދަ ބިންހެލުންތަކެއް އައިތާ ހަ ދުވަސް ފަހުން އިމާރާތެއްގެ ދަށުން ތިން އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފި އެވެ.
ވެނެޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި، ކްލީބާ މޮރާން ނަމަކަށް ކިޔާ މި ކުއްޖާ ސަލާމަތްކޮށްފައި ވަނީ ލާ ގުއައިރާ ސްޓޭޓްގައި ވެއްޓިފައިވާ އިމާރާތެއްގެ ދަށުންނެވެ. ރޮޑްރިގޭޒް ވަނީ އެ ކުއްޖާ ސަލާމަތްވުމަކީ އެ ގައުމުގެ ރައްޔިތުންނަށް ލިބުނު "އުންމީދެއް" ކަމަށް ސިފަކުރައްވާފަ އެވެ.
އުރުދުންގެ ރެސްކިއު ޓީމަކުން އެ ކުއްޖާ ސަލާމަތްކޮށްފައި ވަނީ، ބިންހެލުމުގެ އަސަރުކުރި އެތައް ހާސް ބަޔަކަށް ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ބޭނުންވެފައިވާ ކަމަށް އދ. އިން އިންޒާރު ދީފައިވާ ދަނޑިވަޅެއްގަ އެވެ.
މިދިޔަ ހަފުތާގައި ވެނެޒުއޭލާއަށް އައި ރިކްޓާ މިންގަނޑުން 7.2 އަދި 7.5 ގެ ބާރުގަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1،943 އަށް އަރާފަ އެވެ. އަދި މި ހާދިސާގައި 10،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ އިރު، އެތައް ހާސް ބަޔަކު އަދިވެސް ވަނީ ގެއްލިފަ އެވެ.
ނާސާގެ ސެޓެލައިޓް މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ހެދި ފުރަތަމަ އަންދާޒާތަކުން ދައްކާ ގޮތުގައި، މި ބާރުގަދަ ލޮޅުންތަކުގެ ސަބަބުން 58،870 އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ނުވަތަ މުޅިން ސުންނާފަތިވެފައިވެ އެވެ.
އުރުދުންގެ ސިވިލް ޑިފެންސުން ބުނި ގޮތުގައި، ކްލީބާ ސަލާމަތްކުރުމަށް ފަހު ވަނީ ފުރަތަމަ އެހީ ދީ ހޮސްޕިޓަލަށް ގެންގޮސް ފައެވެ. އަދި އެ ކުއްޖާގެ ސިއްހީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ