ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަމުގައި އިދިކޮޅު އިއްތިހާދުގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އައްޔަންކޮށްފިއެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކަށް އަބްދުﷲ ޝާހިދު އައްޔަންކުރިކަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވަނީ އިއުލާންކޮށްފައެވެ.
"ޓްރާންސިޝަން ނުވަތަ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި، އަޅުގަނޑުމެންގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ސިޔާސީގޮތުން އެންމެ އިސް ބޭފުޅަކަށް ހުންނަވައި، އެ މަސައްކަތްޕުޅު ކުރައްވާނީ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު،" މާރިޔާ ވިދާޅުވިއެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިދިކޮޅު އިއްތިހާދުގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކަށް އަބްދުﷲ ޝާހިދު އައްޔަންކުރި އިރު، ޑިރެކްޓަރ އޮފް ޓްރާންސިޝަންގެ މަގާމަށް ވެސް ބޭފުޅަކު އައްޔަންކުރާނެއެވެ. ނަމަވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އޮންނަ އުސޫލަކީ ސިވިލް ސާވިސް ކޮމިޝަނަށް އެ ބޭފުޅެއްގެ ނަން ފޮނުވުމުން، އެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ އެ ކޮމިޝަނުންނެވެ.
ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމާއެކު އެކަން ފާހަގަކޮށް، އެމްޑީޕީ ހަރުގޭގައި މިއަދު ހަވީރު އުފާފާޅުކުރަމަށް ހަމަޖެހިފައިވެއެވެ. އެކަމުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް އިންތިހާބީ ރައީސް އިބޫގެ ފަރާތްޕުޅުން މާރިޔާ ވަނީ ދައުވަތު ދެއްވައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރީ މިއަދު ހެނދުނެވެ. ދާއިމީ ނަތީޖާގައި އިބޫއަށް 134،705 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އިބޫ އިންތިހާބު ކާމިޔާބުކުރެއްވީ 58.40 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 41.60 އިންސައްތައިގެ ވޯޓެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިދިކޮޅުން އިސްކޮށް ހަރަކާތްތެރިވާނީ އަބްދުﷲ ޝާާހިދު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ