ސިޔާސީ މަގާމުތަކުގެ އަދަދު 700ގައި ހިފެހެއްޓުމަކީ މެނިފެސްޓޯގެ ވައުދެއް ނޫން: ސަރުކާރު

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރުނުވާނެ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން، އެއީ މެނިފެސްޓޯގައި ހިމެނޭ ރަސްމީ ވައުދެއް ނޫން ކަމަށާއި އެއީ ހަމައެކަނި އިންތިގާލީ މަރުހަލާގައި ބޭނުންކުރެވުނު މިންގަނޑެއް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ސަރުކާރުން "ދަ ފީޑްސް"ގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން ބުނި ގޮތުގައި، މިހާރުގެ މެނިފެސްޓޯގައި ހިމެނޭ ހުރިހާ ވައުދުތަކަކީ އާންމުކޮށް ފެންނަން ހުރި ލިޔެކިޔުންތަކެކެވެ. އަދި 700 ގެ އަދަދަކީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި މަސައްކަތްތައް ތަރުތީބު ކުރުމަށް ގެންގުޅުނު އަމާޒެއް ކަމަށް ވެސް ސަރުކާރުން ފާހަގަކުރިއެވެ. https://x.com/thefeed_mv/status/2050244846825435608 މީގެ އިތުރުން، ސިޔާސީ މަގާމުތަކުގެ ސީދާ އަދަދު ހާމަކުރުމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ސަރުކާރުން ބުނީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް ސިޔާސީ މަގާމުތަކުގެ ހަގީގީ އަދަދުތައް ހާމަކޮށްފައި ނުވާ ކަމަށެވެ. މިއީ ކުރީގެ ސަރުކާރުތަކުގައި ވެސް އަމަލުކުރަމުން އައި ގޮތްކަން ސަރުކާރުން ފާހަގަކުރެއެވެ. ސަރުކާރުގެ އޮނިގަނޑަށް މިހާރު ގެންނަމުންދާ އިސްލާހީ ބަދަލުތަކާއެކު، މިހާރު ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. https://sun.mv/208651 މިހާރު ކުރިއަށްދާ ސްޓްރަކްޗަރަލް ރިފޯމްތަކުގެ ސަބަބުން ސިޔާސީ މަގާމުތަކުގެ އަދަދު ފާހަގަކުރެވޭ މިންވަރަކަށް ދަށްވާނެ،" ސަރުކާރުގެ ބަޔާނުގައިވެއެވެ. "700 އަކީ ބަދަލުވަމުންދާ މިންގަނޑެއް. އެއީ މެނިފެސްޓޯގައި ހިމެނޭ ވައުދެއް ނޫން. މެނިފެސްޓޯގެ ހުރިހާ ވައުދުތަކެއް ވަނީ އާންމުކޮށް ފެންނަން ހުންނާނެހެން ޝާއިއުކޮށްފައި. ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަސްލު އަދަދު ސޯލިހު ސަރުކާރުގައި ވެސް ހާމަކޮށްފައެއް ނުވޭ. މިހާރު ކުރިއަށްދާ އިދާރީ އޮނިގަނޑުގެ އިސްލާހީ ބަދަލުތަކާއެކު، މިހާރު ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެ،" ސަރުކާރުގެ "ދަ ފީޑްސް" އެކައުންޓުން ބުނެފައިވެއެވެ. https://sun.mv/221300 ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ކަމަށްވެސް މި މައުލޫމާތުތަކުން އެނގެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އިންތިގާލީ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ވިދާޅުވެފައިވަނީ އާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި އަދަދަކީ ވުޒާރާތަކާއި، ރައީސް އޮފީހާއި، ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ ގެކޮޅުތައް ހިމެނޭހެން ކަނޑައެޅި އަދަދެއް ކަމަށް އޭނާ އޭރު ވިދާޅުވިއެވެ. އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް 2 ނޮވެމްބަރ 2023ގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މި ވަނީ، ސަރުކާރު އެކުލަވާލުމުގައި ސިޔާސީ މަގާމުތަކާ ގުޅޭ ގޮތުން މުހިންމު ނިންމުމެއް ނިންމަވާފައި. އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރުމަށް،" ފިރުޒުލް އޭރު ވިދާޅުވި އެވެ. ނަމަވެސް، ސަރުކާރުގެ މިހާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ ސިޔާސީ މަގާމުތަކުގެ އަދަދު 700 ގައި ހިފެހެއްޓުމަކީ ރިޔާސީ ވައުދެއް ނޫން ކަމަށާއި، އެއީ ހަމައެކަނި އިންތިގާލީ މަރުހަލާގެ އަމާޒެއް ކަމަށް ވިދާޅުވެފައެވެ. "މިސާލަކަށް 700 ވަޒީފާއަކީ ރިޔާސީ ވައުދެއް ނޫން. އެއީ ރިޔާސީ ވައުދެއް ނޫން. އެކަމަކު އިންތިގާލީ މަރުހަލާގައި އަމާޒެކޭ އެއީ،" މުންދު ވިދާޅުވިއެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ، ނޫސްވެރިކަމުގެ ދަރަޖަ ދަށްވަނީ ހަމައެކަނި ސަރުކާރުގެ ސަބަބުން ނޫން ކަމަށް --- ފޮޓޯ/ ރައީސް އޮފީސް އެހެން ނަމަވެސް މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އަށް ވުރެ ގިނަ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މިހާތަނަށް ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސިޔާސީ މަގާމުތަކުގެ އަދަދު ވީހާ ވެސް މަދުކުރުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށެވެ. އަދި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ވީހާވެސް ގިނަ މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށާއި، އެކަން ކުރާނީ ވަކި އަދަދެއް ހަމަކުރުމުގެ ބަދަލުގައި މަސައްކަތުގެ ނަތީޖާއަށް ބަލައިގެން ކަމަށްވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ