ފުލުހުންނަށް އަނިޔާކޮށް ބަދަލުހިފަން ކުރާ ކަންކަމަށް ހަރުކަށި ފިޔަވަޅު އަޅާނަން: ފުލުހުން

ފުލުހުންނަށް އަނިޔާކުރުމާއި ބަދަލުހިފުމުގެ ރޫހުގައި ކަންކަން ކުރާ މީހުންނާ މެދު ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިހެން ބުނީ، މިދިޔަ ހޯމަ ދުވަހުގެ ރޭ 10:30 ހާއިރު ށ. ފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ނެރުނު ބަޔާނެއްގަ އެވެ.
ތަފްސީލް - އެ މައްސަލައިގެ ތަހުގީގަށް ބިނާކޮށް ފުލުހުން ބުނީ، އެއީ ފުލުސް އޮފިސަރަށް އަމާޒުކޮށްގެން ގަސްތުގައި ހިންގާފައިވާ އަމަލެއްކަން އެނގިފައިވާ ކަމަށެވެ. އެ ސައިކަލު ބޭނުންނުކުރެވޭ މިންވަރަށް އަންދާލާފައިވާ ކަމަށާއި އެ ގޭގެ ގޭޓު ހިމެނޭހެން، ގޭގެ އެކި ސަރަހައްދުތަކަށް ވެސް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބުނީ ކީކޭ؟ - "ކުށްކުރާ ފަރާތްތަކުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ބިރުދެއްކުމަށް ހިންގާ މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން ގާނޫނު ތަންފީޒުކުރުމުގައި ފުލުހުން ކުރަމުންދާ މަސަައްކަތަށް މަޑުޖެހުމެއް ނާންނާނެ އެވެ. ފުލުހުންނަށް އަނިޔާކުރުމާއި ބަދަލުހިފުމުގެ ރޫހުގައި ހިންގާ ކޮންމެ އަމަލަކާމެދު ފަސްޖެހުމެއްނެތި ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ:
ސައިކަލުގައި ރޯކޮށްލި މައްސަލަ ސީރިއަސް މައްސަަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށް
އެކަން ކުރި ފަރާތް ހޯދައި ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް
ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް އަމާޒުކޮށް ހިންގާ ބިރުދެއްކުމުގެ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް
މިއީ މުޅި މުޖުތަމައުގެ ސަަލަމާތާއި ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ