މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު ނާންނާނެ ކަމަށާއި ރައްޔިތުން ސާބިތުވެ ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ބައްދަލުކުރެއްވުމަށްފަހު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރައްޔިތުންގެ ނިންމުން އެއޮތީ ވަރަށް ސާފުކޮށް ކަމަށާއި ކޯޓުތަކުން ވެސް އެ ނިންމުމާ ގުޅޭގޮތުން އިތުރު ގޮތްތެއް ނިންމާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"ހަމައެއާއެކީ ރައްޔިތުން ރައްޔިތުންގެ ނިންމުން ދެމެހެއްޓުމަށްޓަކައި ސާބިތުކަމާއެކީ މިވަގުތު ތިއްބަވަންވީ. އިރާދަކުރެއްވިއްޔާ މިއަކަށް ބަދަލެއް ނާންނާނެ. އަދި ކޯޓުތަތަކުން ވެސް މިވަރުގެ ކަމެއް ކުރައްވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ރައްޔިތުންގެ ނިންމުން އެއޮތީ ފެންނަން،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ރައްޔިތުންގެ ނިންމުން ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަންޖެހޭ ބަޔަކީ ސަލާމަތީ ބާރުތައް ކަމަށާއި ގާނޫނު އަސާސީގައި އެބޭފުޅުންގެ ދައުރު ވަރަށް ސާފުކޮށް އެބައޮތް ކަމަށެވެ.
އެހެންކަމުން މިއީ ސަލާމަތީ ބާރުތަކުން ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރަން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދާދިފަހުން އިބޫ ވަނީ ފުލުހުންނާއި ސިފައިންގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުންތަކުގައި ސަލާމަތީ ބާރުތަކުގެ އިސްވެރިން ވަނީ، ރައްޔިތުން ނިންމި ނިންމުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް ދެއްވާފައެވެ.
"މި ކާމިޔާބީއަކީ އަޅުގަނޑުމެން އެންމެނަށް ލިބުނު ކާމިޔާބީއެއް. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަން ދެމި އޮންނާނީ ރައްޔިތުންގެ ވެރިކަމެއްގެ ގޮތުގައި. ރައްޔިތުން އިންތިޚާބުކުރި ރައްޔިތުންގެ ވެރިކަމެއް. ރައްޔިތުންނަށް މަސައްކަތްކޮށްދޭ ވެރިކަމެއްގެ ގޮތުގައި ދެމިގެންދާނީ،" އިބޫ ވިދާޅުވިއެވެ.
އެމަނިކުފާނު އިންތިޚާބަށް ވާދަކުރެއްވީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި ވެރިކަން ދެމިއޮންނާނީ ކޯލިޝަނެއްގެ ގޮތުގައި ކަމަށް އިބޫ ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މި އިންތިޚާބަށް މި ކުރިމަތިލީ ކޯލިޝަނެއްގެ ގޮތުގައި. އެއީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އަދި ޕީޕީއެމްގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމްގެ ތާއީދާއެކު. މިވެރިކަން އިރާދަކުރެއްވިއްޔާ ދެމިގެން އޮންނާނީ އެގޮތުގައި. މިއަދު އަޅުގަނޑު ރައީސް މައުމޫނާ މި ބައްދަލުކޮށްލީ ކުރިއަށްހުރި ކަންތައްތަކާ އެކު އަޅުގަނޑުމެން މަޝްވަރާކޮށްގެން ސަރުކާރުގެ ކަންތައްތައް ރާވައި ރައްޔިތުންނަށް ކޮށްދޭންހުރި ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށްލުމަށް. އަޅުގަނޑުމެންނަށް އެކުގައި ކުރިއަށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިއަދުވެސް އެބައޮތް،" އިބޫ ވިދާޅުވިއެވެ.
އޮޅުވާލި ވޯޓުގެ ނަމުގައި ރޭ ޕީޕީއެމްގެ ސަޕޯޓަރުން ބޭއްވި މުޒާހަރާގައި އިސްކޮށް ހުންނަވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އިބޫ ވަނީ އެމަނިކުފާނަށް އިލްތިމާސެއް ކުރައްވާފައެވެ.
އިބޫ ވިދާޅުވީ ރައްޔިތުން މަގުމައްޗަށް އެއްކުރައްވައި ހަމަނުޖެހުން ހިންގައި އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ކަންތައްތައް ނުގެންދިޔުމަށް ރައީސް ޔާމީނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ވޯޓުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ، ރައްޔިތުން ސާބިތުވެ ތިއްބަވާ: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ