އިބޯލާއަށް ޝައްކުކުރެވޭ 900 އަށްވުރެ ގިނަ ކޭސް ކޮންގޯއިން ފެނިއްޖެ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހަލުވިކަމާއެކު އިބޯލާ ވައިރަސް ފެތުރެމުންދާއިރު، ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު 900 އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ (ޑަބްލިޔުއެޗްއޯ) ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ހާމަކުރައްވައިފިއެވެ. މިހާތަނަށް މި ބަލި ޖެހިފައިވާކަން ކަށަވަރުވި މީހުންގެ އަދަދު 101 އަށް އުފުލިފައިވާއިރު، މިއީ އެ ޤައުމުގައި މި ބަލިމަޑުކަން ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމުގެ ނިޝާނެއްގެ ގޮތުގައި ޞިއްޙީ ދާއިރާގެ މާހިރުން ބުންޏެވެ.
ކޮންގޯގެ ކޮމިޔުނިކޭޝަންސް ވުޒާރާއިން ބުނީ، މެއި 15 ގައި އިޓޫރީ ޕްރޮވިންސުގައި ބަލި ފެތުރެންފެށި ފަހުން، މެއި 23 އާ ދެމެދު 11 ސަރަޙައްދަކަށް މި ބަލި ފެތުރިފައިވާ ކަމުގައެވެ. މި ބަލިމަޑުކަން މި ވަގުތު އެންމެ ބޮޑަށް ފެތުރެމުންދަނީ އިޓޫރީގެ އިތުރުން އުތުރާއި ދެކުނު ކީވޫގައެވެ.
އެ ވުޒާރާއިން ބުނީ، ބަލި ފެނިފައިވާ ސަރަޙައްދުތަކުގައި ޞިއްޙީ އިދާރާތަކުން ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް ސްކްރީންކުރުމާއި، ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތައް ހިންގަމުންދާ ކަމުގައެވެ. އަދި، މި ދަނޑިވަޅުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލެނބުން މުހިންމު ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ. ޑަބްލިޔުއެޗްއޯއިން ބުނީ، ކޮންގޯއިން މި ބަލީގައި މިހާތަނަށް ހަތް މީހުން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާކަމުގައެވެ.
ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން، އިޓޫރީ ޕުރޮވިންސުގައި ކުޅިވަރު ހަރަކާތްތައް ބޭއްވުމާއި، ގިނަ ބަޔަކު އެއްވެ އުޅޭ އިޖުތިމާޢީ ހަރަކާތަތްތައް ވަނީ މެދުކަނޑައިލާފައެވެ. ކޮންގޯގެ އިތުރުން އަވައްޓެރި ޤައުމުތަކަށް ވެސް ވަނީ މި ބަލި ފެތުރެން ފަށާފައެވެ. މި ގޮތުން، ކޮންގޯއާ އިންވެގެން އޮތް ޔުގާންޑާއިން މެއި 23 ވަނަ ދުވަހު އެކަނިވެސް ބަލީގެ އިތުރު ތިން ވޭދަނައެއް ދެނެގަނެވިފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރިއެވެ. މިއާއެކު، އެ ޤައުމުގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ ފަހަކަށް އުފުލިފައެވެ.
އެފްރިކާ ސެންޓަރސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން (އެފްރިކާ ސީޑީސީ) ބުނީ، ރުވާންޑާ، ކެންޔާ، ޓެންޒެނިއާ، އެންގޯލާ، ބުރުންޑީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، އިތިއޯޕިޔާ، ދެކުނު ސޫދާން އަދި ޒެމްބިއާ ހިމެނޭ ގޮތުގައި 10 ޤައުމަކަށް މި ބަލި ފެތުރިގެންދިޔުމުގެ ނުރައްކާ ބޮޑު ކަމުގައެވެ. އަދި ޑަބްލިޔުއެޗްއޯއިން ވަނީ، މި ބަލީގެ ނުރައްކަލުގެ އިންޒާރުގެ ދަރަޖަ "ވަރަށް މަތީ" ދަރަޖައަށް އުފުލާފައެވެ. މިއާއެކު، ކޮންގޯއާ އިންވެގެން އޮތް ގިނަ ޤައުމުތަކުން ވަނީ އެ ޤައުމުން ދަތުރުކުރާ މީހުންގެ އަދަދު މަދުކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ