ރަޝިއާގެ ބާރުގަދަ ހަމަލާތަކެއް ޔުކްރެއިންއަށް

ކިޔޭވް (25 މެއި 2026) : ރަޝިޔާއިން 100 އަށް ވުރެގިނަ މިސައިލާއި 600 ވަރަކަށް ޑްރޯން އެއްފަހަރާ ބޭނުންކޮށްގެން ޔުކްރެއިންގެ ވެރިރަށް ކިޔޭވްއަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މިއީ މިދިޔަ ހަފްތާގައި ޔުކްރެއިނުން ރަޝިއާގެ ކިޔަވާކުދިން ދިރިއުޅޭ ބޯޑިންގް އަކަށް ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއްކަމަށް ރަޝިއާގެ މީޑިއާ ސިފަކުރެއެވެ. މީގެ ހަތަރު ވަރަކަށް އަހަރުކުރިން ރަޝިއާ ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ކިއޭވަށް އަމާޒުކޮށްގެން އެއްވަގުތަކު ރަޝިޔާއިން މިހާ ވަރުގަދަ ހަމަލާތަކެއް މިހާތަނަށް ދީފައިނުވާކަމަށް ޔޫކްރޭނުން ބުނެފައިވެއެވެ. ރަޝިއާ ގެ ދިފާއީ ވުޒާރާ ބުނިގޮތުގައި މި ހަމަލާތައް އަމާޒުކުރީ ޔުކްރެއިންގެ މުވާސަލާތާބެހޭ މަރުކަޒުތަކަށާއި ހަކަތައިގެ މަރުކަޒުތަކަށާއި ޔުކްރެއިން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކަށެވެ. މީގެއިތުރުން ސިފައިންގެ ޚާއްސަ މަރުކަޒުތަކާއި އަސްކަރީ ތަކެތި ރައްކާކުރާ ތަންތަނަށެވެ. މި ހަމަލާތައް ހައެއްކަ ގަޑީއިރަށް ދިގު ދެމިގެންދިޔަ ކަމަށް ޚަބަރު ލިބެއެވެ. ރަޝިއާ ދިން މި ހަމަލާތަކުގައި ރަޝިއާގައި އުފައްދާ ހައިޕާ ސޮނިކް މިސައިލެއްކަމަށްވާ އޮރެޝްނިކް މަރުކާގެ މިސައިލެއްވެސް ބޭނުންކުރި ކަމަށް ޔުކްރެއިން ބުނެފައިވެއެވެ. ޔުކްރެއިން ބުނިގޮތުގައި ރަޝިއާގެ މި ހަމަލާތައް އަމާޒުކުރީ ހަމައެކަނި އަސްކަރީ އަދި ހަކަތައިގެ މަރުކަޒުތަކަކަށް އެކަންޏެއް ނޫނެވެ. މީހުން ދިރިއުޅޭ އިމާރާތްތަކަށާއި ސްކޫލްތަކަށްވެސް އަމާޒުކުރިއެވެ. ފެންޕްލާންޓްތަކަށާއި ފެނުގެ މަރުކަޒުތަކަށްވެސް ހަމަލާތައް އަމާޒުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ގިނަ އަދަދެއްގެ އެޕާޓްމަންޓް އިމާރާތްތަކަށާ އަދި ސްކޫލް އިމާރާތްތަކަށްވެސް ބޮޑެތި ގެލުންތައް ލިބުނު ކަމަށް ޔުކްރެއިން ބުނެފައިވެއެވެ. ނަމަވެސް ޔުކްރެއިން ބުނާގޮތުން މި ހަމަލާތަކުގައި މަރުވީ އެންމެ ހަތަރު މީހުންނެވެ. އަދި ޒަޚަމްވީ 80 ވަރަކަށް މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ