އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމު ރައީސް މުހައްމަދު ނަޝީދަށް ދީގެން ވަކި ބަޔަކަށް ރިޔާސީ އިންތިޚާބުގެ ޓިކެޓު ގެއްލޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒާޔާ ވިދާޅުވެއްޖެއެވެ.
ޒާޔާ މިހެން ވިދާޅުވީ ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހޮވިވަޑައިގެންފިނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ޒާޔާ ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރާނެ ވަރަށް ގިނަ ކެންޑިޑޭޓުން އެބަތިބި ކަމަށާއި، ވަކި މީހަކަށް ޓިކެޓު ނެގޭނެ ގޮތެއް ނެތް ކަމަށެވެ.
”ހަގީގަތަކީ މީކާއީލްއަކަށް ނެތް ވަކި ކެންޑިޑޭޓެއް ނެގޭކަށް. ވަރަށް ބައިވަރު ކެންޑިޑޭޓުން އެބަތިބި ރިޔާސީ އިންތިޚާބުގައި ވާދަކުރަން. އަޅުގަނޑު ނުދެކެން އެއްވެސް ހާލެއްގައި ރައީސް ނަޝީދުއަށް ދެއްވައިގެން ރިޔާސީ ޓިކެޓު ގެއްލޭނެ ކަމަކަށް،“ ޒާޔާ ވިދާޅުވިއެވެ.
ޒާޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާރު ފެންނަނީ ދެ ބާވަތެއްގެ ކެމްޕޭނެކެވެ. އެއީ އެމްޑީޕީ ވަންތަ ކެމްޕޭނަކާއި، ޕީއެންސީއާ ގުޅިގެން ހިންގާ އެންޓި ކެމްޕޭނެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި 2023 ގެ އިންތިޚާބު ގެއްލުނީ ރައީސް ނަޝީދު ވަކިވުމުން ކަމަށް ބުނާ މީހުން، އެމަނިކުފާނު އެނބުރި ޕާޓީއާ ގުޅިވަޑައިގަތުމުން އެކަން ބަލައިނުގަނެވިގެން އުޅޭ ސަބަބާ މެދު ޒާޔާ ސުވާލު އުފެއްދެވިއެވެ.
ރައީސް ނަޝީދު ދާދިފަހުން ވިދާޅުވެފައިވަނީ ޕާޓީ ދޫކޮށްލަން ޖެހުނީ އޭރުގެ ހާލަތު ހުރިގޮތުން މަޖުބޫރުވެގެން ކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އޮތް ގުޅުން ހީނަރުވުމާއި، އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގާ މެދު ހުރި ހިތްހަމަނުޖެހުންތައް ފާހަގަކުރެއްވިއެވެ. ނަމަވެސް މަޖިލިސް މެންބަރު މީކާއީލް ނަސީމް ވަނީ މި ވާހަކަތަކަށް ރައްދު ދެއްވައި، ސިޔާސީ ބޭފުޅުން މިއަދު ތިއްބެވި މަގާމަށް ގެންގޮސްދިނީ އާންމު މެންބަރުން ކުރި ބުރަ މަސައްކަތުން ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ޗެއާރޕާރސަން ކަމުގެ މަޤާމު ރައީސް ނަޝީދަށް ދީގެން ވަކިބަޔަކަށް ރިޔާސީ އިންތިޚާބުގެ ޓިކެޓެއް ނުގެއްލޭނެ: ޒާޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ