ބ.ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަނުން ހުޅުވާލައިފި އެވެ.
އައިލެންޑް އޭވިއޭޝަންގެ އިއުލާނުގައިވާ ގޮތުން އެ މަސައްކަތް ކުރުމަށް ދިވެހި އަދި ބޭރު ކޮންޓްރެކްޓަރުން ވެސް ކުރިމަތިލެވެ އެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އަންނަ މަހުގެ 4 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އެވެ. އިންޓަނޭޝަނަލް ކޮންޓްރެކްޓަރެއް ނަމަ ޓެކްސް ކްލިއަރެންސް ސެޓްފިކެޓް ހުށަހަޅަން ޖެހޭނެ އެވެ.
ޕްރޮޖެކްޓް ކުރިއަށް ގެންދަން ޖެހެނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.
އެ ޕްރޮޖެކްޓް ފަށާ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އަދި ކޮންޓްރެކްޓަރު ހޮވުމުގައި ކުރިން އެފަދަ ޕްރޮޖެކްޓެއް ހިންގާފައިވާ ނުވަތަ 50 މިލިއަން ރުފިޔާއަށް ވުރެ މަތީ ޕްރޮޖެކްޓްތައް ހިންގާފައިވާ ޕާޓީތަކަށް އިސްކަން ދޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެ އެވެ.
އާ ޕްރޮޖެކްޓްގެ ދަށުން މިހާރު އެ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ބޮޑުކުރާނެ އެވެ. ޓާމިނަލް ބޮޑުކުރަން ނިންމީ، އެ އެއާޕޯޓު މެދުވެރިކޮށް އަންނަ ޓޫރިސްޓުން އިތުރުވެ، މިހާރުގެ ޓާމިނަލަށް ބާރު ބޮޑުވުމުގެ ސަބަބުން ކަމަށް އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
ޓާމިނަލް އިތުރަށް ބޮޑުކުރާ އިރު އާ ލައުންޖް ބިލްޑިންއެއް ވެސް އެޅުމަށް ހަމަޖެހިފައިވެ އެވެ. އާ ޕްރޮޖެކްޓްގެ މަސައްކަތް ކުރަން ޖެހޭނީ، މިހާރު އެ އެއާޕޯޓުން ދޭ ހިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް ކަމަށާއި އެކަމުގެ ޕްލޭންތައް ވެސް ތައްޔާރު ކުރަން ޖެހޭނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ 14 އަހަރު ކުރިން އޮކްޓޯބަރު 17، 2012 ގައި ހުޅުވި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ހެދި ތަނެކެވެ. އެ އެއާޕޯޓަށް މިވަގުތު ކޮންމެ ދުވަހަކު ވެސް 8 ފްލައިޓަށް ވުރެ ގިނައިން ޖައްސަ އެވެ. އެ ސަރަަހައްދުގެ ރިސޯޓުތަކާއި ގެސްޓު ހައުސްތަކަށް ޗުއްޓީ ހޭދަކުރަން ދިއުމަށް ގިނަ ބަޔަކު ބޭނުން ކުރަނީ އެ އެއާޕޯޓެވެ.
ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ