ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފު އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ޖަޕާނުގެ އެމްޕެރަރ، އެމްޕެރަރ ނަރުހިޓޯއަށް މިއަދު ހެނދުނު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ޓޯކިޔޯގެ އިމްޕީރިއަލް ޕެލަސްގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި އެމްޕެރަރ ނަރުހީޓޯ ވަނީ، ސަފީރު މަޚްލޫފަށް މަރުޙަބާ ވިދާޅުވެ ކާމިޔާބަށް އެދިވަޑައިގެންފައެވެ. އަދި މިރަސްމިއްޔާތުގައި ސަޕީރު މަޚްލޫފު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
މީގެ އިތުރުން ދިވެހރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް މި ރަސްމިއްޔާތުގައި ސަފީރު ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނީ، 14 ނޮވެމްބަރު 1967 ގައެވެ. މިގޮތުން މިއަންނަ އަހަރަކީ، ދެ ޤައުމު ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރާނެ އަހަރެވެ.
މި ރަސްމިއްޔާތުގައި، ސަފީރު މަޚްލޫފުގެ އަރިހުގައި ސަފީރުގެ ނާއިބު، އަޙްމަދު ޢާދިލް އަދި ސެކަންޑް ސެކްރެޓަރީ ހައްވާ ސަމްޙާ، އާމިނަތު ރަޒިއްޔާ އަދި އަޝްރަފް ޢަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ