އޭސީސީ އުވާލުމަށްފަހު ބަހައްޓަންވީ އެންޓި ކޮރަޕްޝަން ކޮމިޝަނަރެއް: ޝަމީމް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުވާލައި އެތަނަށް ވެސް ލާންވީ ކޮމިޝަނަރެއް ކަމަށާއި ނަތީޖާ ނެރެވޭނީ އެގޮތަށް ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމްގެ ބްލޮގުގައި ލިޔުއްވި ގޮތުގައި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އޭސީސީ އުވާލަން ޖެހެ އެވެ. 
ރާއްޖެއަކީ މުއްސަނދި، ގުދުރަތީ ވަސީލަތް ގިނަ ނަމަވެސް ކޮރަޕްޝަންގެ ސަބަބުން ފަގީރުވެފައިވާ ގައުމެއް ކަމަށާއި ކޮރަޕްޝަނުގެ ސަބަބުން އިންސާނީ ވަސީލަތްތައް ތަރައްގީކުރާނެ ފައިސާ ގެއްލިފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. 
ޝަމީމް ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށް އުފައްދާފައިވާ އޭސީސީ ފެއިލްވެފައިވާ ކަމަށެވެ. އޭސީސީގެ ވެބްސައިޓުގައި 2024 ގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވައި ޝަމީމް ވިދާޅުވީ ކޮމިޝަނުން މިހާތަނަށް ގޮތެއް ނުނިމި ތަހުގީގު މަރުހަލާގައި 1،036 މައްސަލައަކާއި ޕްރިލިމިނަރީ މަރުހަލާގައި އޮތް 2،465 މައްސަލައާ އެކު ޖުމްލަ 3،501 މައްސަލަ އެބަ އޮތް ކަމަށެވެ. 
އަހަރަކު ކޮމިޝަނުން ގޮތް ނިންމުނީ 297 މައްސަލައަކަށް ކަމަށާއި އެ ސްޕީޑުގައި ދާނަމަ، ބާކީ ނުނިމި ހުރި މައްސަލަތައް ބެލުމަށް މަދުވެގެން 11 އަހަރު ނަގާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެހާ ދިގު މުއްދަތެއްގައި އެކަންކޮށް ނިމޭނީ ވެސް އިތުރަށް އެހެން މައްސަލައެއް ނުނަގާ ނަމަ ކަން ފާހަގަކުރައްވައި، ޝަމީމް ވަނީ އެ ތަފާސްހިސާބުތަކުން ވެސް އެނގެނީ އޭސީސީ ފެއިލްވެފައިކަން ކަމަށް ވިދާޅުވެފަ އެވެ. 
"އެއީވެސް މި އަހަރުން ފެށިގެން 2037 ވަނަ އަހަރާ ހަމައަށް އާ މައްސަލައެއް ހުށަނޭޅޭނަމަ އެވެ. މިދެންނެވި 297 މައްސަލައިގެ ތެރެއިން ޝަރީއަތަށް ފޮނުވޭ ވަރުވީ އެންމެ 8 މައްސަލައެވެ. ވީމާ، އޭސީސީގެ ތަހްގީގީ ނިޒާމު އެއްކޮށް ފެއިލިވެފައިވާކަމީ އޭސީސީއިން ނެރުނު ތަފާސް ހިސާބުން ފެންނަން އޮތް ހަގީގަތެކެވެ،" ޝަމީމްގެ ބްލޮގުގައި ލިޔުއްވި އެވެ. 
ޝަމީމް ވިދާޅުިވީ އޭސީސީގެ ތަހުގީގީ ނިޒާމު އިސްލާހުކުރުމަށް އޭސީސީ މިހާރު އޮތް ގޮތް އެއްކޮށް ބަދަލުކުރަން ޖެހޭ ކަމަށާއި ވޭތުވެދިޔަ 20 އަހަރުގެ ތަޖުރިބާއިން އެނގެނީ އޭސީސީ ވަކި މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެގެން ނަތީޖާ ނުނެރެވޭނެ ކަމަށެވެ.
"ހާއްސަކޮށް، 5 މެމްބަރުންގެ ކޮމިޝަނެއްގެ ސިފައިގައި އޮވެގެން ނެރެވުނު ނަތީޖާއެއް ނެތެވެ."
އޭނާ ވިދާޅުވީ އޭސީސީގައި މިހާރު ހުރީ ސަރުކާރުގެ ރައީސެއް ކަމަށާއި އެއީ ކޮންމެ ސަރުކާރެއްގައި ވެސް އެކަން އޮންނަ ގޮތް ކަމަށެވެ. 
އެހެންވެ، ޝަމީމަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތް ކަމަށް ލިޔުއްވާފައި ވަނީ އޭސީސީގެ 5 މެމްބަރުންގެ ބަދަލުގައި އެންމެ ކޮމިޝަނަރެއް ހުރުމެވެ. އެ ކޮމިޝަނަރު ހޮވާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އަދި އޭނާގެ ދެ ޑެޕިއުޓީން ހުންނަން ޖެހޭ ގޮތަށެވެ. އެއީ ތަހުގީގީ އިދާރާތަކުގެ ތަޖުރިބާހުރި ޑެޕިއުޓީ އަކާއި ޕްރޮސިކިއުޝަނާއި ގާނޫނީ ދާއިރާގެ ތަޖުރިބާ ހުރި ޑެޕިއުޓީއަކަށް ވާންޖެހޭ ކަމަށެެވެ. އަދި އެތަނުގައި ޗީފް އެގްޒެކެޓިވް އޮފިސަރެއްގެ އިތުރުން ފަންނީ އަދި އިދާރީ މީހުން ތިބޭ ގޮތަށް ހެދުމަށް އޭނާ ހުށަހަޅުއްވި އެވެ. 
"ކޮމިޝަނަރު އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ބާކީ މީހުންނަކީ ކޮމިޝަނަރުގެ ޓީމެވެ. ކޮމިޝަނުގެ ދެންތިބި މުވައްޒަފުންނަކީ އެކި އޮފީސްތަކުން ވީއްލާ ފަންނީ އަދި އިދާރީ މީހުންނެވެ." 
ޝަމީމް ވިދާޅުވީ މަޖިލީހުގައި އޮންނަ ކޮމިޝަނަރުގެ އިންޓަވިއުގައި އޭނާގެ ފަސް އަހަރުގެ ދައުރުގެ ތަފްސީލު ޕްލޭނެއް ހުށަހަޅަން ޖެހޭ ކަމަށާއި މަގާމަށް މީހަކު ނެގުމުގައި ވެސް އޮންނަންވީ، އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ މީހަކު ނެގުމުގައި އިސްކަންދޭ ގޮތަށެވެ. އަދި މަޖިލީހުން ބަޖެޓު ދޫކުރުމުގައި ވެސް އޭނާ ޕްރޮޕޯސަލްގައި ފާހަގަކުރާ ކަންކަން ހާސިލުވާނެ ގޮތަށް ބަޖެޓު ދޫކުރާ ކަހަލަ ގޮތަކަށް ބަދަލުކުރަން އޭނާ ހުށަހެޅުއްވި އެވެ. 
ޝަމީމް ވިދާޅުވީ އެ ބަދަލާ އެކު މިނިވަން މުސްތަގިއްލު ކޮމިޝަނުތަކުގެ މެމްބަރުން މަޖިލީހުން ހައްގުން ކަމަކާ ނުލައި ވަކިކުރުމުގެ ސަގާފަތަށް ވެސް ބަދަލު އަންނާނެ ކަމަށެވެ. 
"ކޮމިޝަނަރު ވަކި ކުރެވޭނީ، އޭނާ އިންޓަވިއުގައި ހުށަހެޅި ޕްރޮޕޯޒަލުގައި ހުރި ކަންތައްތަކުގެ ތެރެއިން ނުކޮށް ދޫކޮށްލި، ނުވަތަ ކާމިޔާބު ނުކުރެވުނު ވަކި ކަމެއް ދެއްކުމަށްފަހު، އެކަމާބެހޭ ގޮތުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށްފަހުއެވެ."
އެ އާ ނިޒާމުގެ ދަށުން އޭސީސީގެ އިންވެސްޓިގޭޓަރުންގެ ގޮތުގައި ތިބޭނީ ފުލުހުންގެ ފަރާތުން، ވަކި މުއްދަތަކަށް ކޮމިޝަނަރުގެ އޮފީހުގައި މަސައްކަތްކުރަން ވީއްލާ، ފެންވަރު ރަނގަޅު އިންވެސްޓިގޭޓަރުން ކަމަށާއި އެމީހުންގެ ތަމްރީނުގެ ހުރިހާ ކަމަކާއި މުސާރަ އަދި އެލަވަންސްތައް ދޫކުރާނީ ފުލުސް އޮފީހުން ކަމަށް ޝަމީމް ވިދާޅުވި އެވެ. އެކަމަކު ކޮމިޝަނަރު އޮފީހަށް ވީއްލާފައިވާ ތިން އަހަރުގެ މުއްދަތުގައި، މަސައްކަތުގެ ފަންނީ ބައިގައި ރިޕޯޓުކުރާނީ އަދި ޖަވާބުދާރީ ވާނީ ވެސް ކޮމިޝަނަރަށް ކަމަށާއި އެގޮތަށް ދޫކުރާނީ ތިރީހަކަށް އިންވެސްޓިގޭޓަރުން ކަމަށް ވިދާޅުވި އެވެ. 
ތިން އަހަރުވުމުން އަނެއްކާވެސް އެހެން އިންވެސްޓިގޭޓަރުންތަކެއް ފޮނުވާ ގޮތަށް ބަދަލުކުރުމަކީ އެމީހުންގެ މެދުގައި ވެސް ކޮރަޕްޓްވުމުގެ ފުރުސަތު ނުދިނުމަށް ކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނަރު ބޭނުން ނަމަ ޕީޖީ އޮފީހުން ވެސް ދެތިން ޕްރޮސިކިއުޓަރުން ވީއްލިދާނެ ކަމަށާއި އަދި ކޮމިޝަނުގައި ބާކީ ތިބޭ އިދާރީ މުވައްޒަފުން ވެސް ތަފާތު އެކި އިދާރާތަކަށް ބަދަލުވާ ގޮތަށް ބޭތިއްބުމަކީ ބުއްދިވެރިކަމެއް ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ. 
ޝަމީމް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގުން ނަތީޖާ ނެރެން ބޭނުންނަމަ، އެގޮތަށް ނިޒާމު ބަދަލުކޮށްގެން ނަތީޖާ ނެރެވިދާނެ އެވެ. ދިވެހިންގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ ޒުވާނުން ބައިވަރު އެބަ ތިބި ކަމަށާއި އެމީހުންނަށް ބޭނުންވަނީ، އެމީހުންނަށް އިތުބާރުކޮށްފައި ފުރުސަތެއް ދިނުން ކަމަށާއި އޭރުން ނަތީޖާ ނެރެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭސީސީގެ މިހާރުގެ ރައީސަކީ ނަތީޖާ ނެރެވޭނެ ފަދަ ބޭފުޅެއް ނޫން ކަމަށާއި ނަތީޖާ ނެރެވޭ މީހުންނާ ކަންކަން ހަވާލުކޮށްގެން، ކޮރަޕްޝަންގެ މައްސަލައަށް ހައްލެއް ލިބުމަކީ، ރާއްޖޭގެ ތަރައްގީ ހެޔޮ މިސްރާބަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ