އިންތިޚާބީ ރައީސް، ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިކުރަނީ

ރައީސް ކަމުގެ ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިކުރުމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބޭނުންފުޅުވާކަމަށާއި، އެކަމުގެ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާކަމަށް އިންތިޚާބީ ރައީސްގެ ސްޕޯކްސް ޕާސަން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސްޕޯކްސް ޕާސަން މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ވެރިކަން ބަދަލުވުމުގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް އިބްރާހިމް މުޙައްމަދު ޞާލިޙް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށާއި، އެކަމުގެ ތައްޔާރީތައްވެސް ފެށާފައިވާކަމަށެވެ.
އެގޮތުން އައު ރައީސް ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމައްޓަކައި "އިނޯގްރޭޝަން ކޮމެޓީ"ގެ ނަމުގައި ޚާއްޞަ ކޮމެޓީއެއް އެކުލަވާލައި އެކޮމެޓީގެ ބެލުމުގެދަށުން ވީހާވެސް ގިނަ ރައްޔިތުންނަށް ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވޭނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަވަމުންދާކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން މަސައްކަތްކުރަނީ އަބަދުވެސް ރައްޔިތުންގެ ބައިވެރިވުމާއިއެކު ރައްޔިތުންގެ ވިސްނުމަށް އިހުތިރާމްކޮށްގެން އެރައްޔިތުންނާއި ގުޅިގެން ވެރިކަންކުރުމަށްކަމަށާއި،، އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުވެސް ބޭނުންފުޅުވެވަޑައިގަންނަވަނީ ގިނަ ބަޔަކު އެއުފަލުގައި ބައިވެރިކުރުމަށްކަމަށެވެ.
" ތިބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުން ކެމްޕެއިނު ކުރިއިރުވެސް އޭގެ ކުރިންވެސް އަޅުގަނޑުމެންގެ ވިސްނުމަކީ ވީހާވެސް ބޮޑަށް ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ވެރިކަމެއް ކުރުން އެހެންކަމުން ރައްޔިތުން އިންތިޚާބުކުރި ރައީސެއް ހުވާކުރައްވާ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރިވެވޭނެގޮތަށް އެކަންކުރުމަކީ އަލޫގަނޑުމެން އެންމެންގެވެސް ވަރަށް ބޮޑު އެދުމެއް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެގޮތަށް އެދިވަޑައިގަންނަވާތީ އެގޮތަށް އެކަންކުރުމަށްޓަކައި އަޅުގަނދުމެން މިދަނީ މަސައްކަތްކުރަމުން" އިންތިޚާބީ ރައީސްގެ ސްޕޯކްސް ޕާސަން ވިދާޅުވިއެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ، ވެރިކަން ބަދަލުވުމުގެ މަރުޙަލާއާބެހޭ ޤާނޫނުގެ ދަށުން ސަރުކާރު ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސިވިލްސަރވިސް ކޮމިޝަނުން ޢައްޔަންކުރި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން މަސައްކަތްކުރައްވާނެ އޮފީހެއް އަދިވެސް ސަރުކާރުން ހަމަޖައްސަވައިދެއްވާފައި ނުވާކަމަށާއި، ވީހާވެސް އަވަހަށް އެއިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަކީ މުހިއްމުކަމެއްގެ ގޮތުގައި ދެކޭކަމަށެވެ.
"ރައްޔިތުން ވޯޓުލައި ނިމުނީމަ ސަރުކާރުގެ ޒިންމާއެއް، ސަރުކާރުގެ މައްސޫލިއްޔަތެއް އެއީ ވީހާވެސް އަވަހަށް މިކަން ފަހިކޮށްދެއްވާ ރައްޔިތުންނަށް ދަތި ނުވާނެގޮތަކަށް އޮމާންކަމާއި އަމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ދިއުން. އަދި ޤާނޫނުންވެސް އެކަން އެބަމަޖުބޫރުކުރުވާ" އިންތިޚާބީ ރައީސްގެ ސްޕޯކްސް ޕާސަން ވިދާޅުވިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ދިރާގުގެ ދައުވަތަކަށް އެދެމުައްސަސާގެ މުވައްޒަފުންނާއި އިންތީޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް ބައްދަލުކުރެއްވިކަން ފާހަގަކުރައްވަމުން މާރިޔާ ވަނީ ވެރިކަން ބަދަލުވުމުގެ މި މަރުޙަލާގެ ތެރޭގައި، ގޯތިގެދޮރާއި، ފްލެޓް ދޫކުރުމާއި، މީހުން ވަޒީފާތަކަށް ނަގައި، ވަކިކުރުން ފަދަ ކަންކަން ސަރުކާރުން ނުކުރެއްވުމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.
ބޭރުގެ ޤަމުތަކުން އިންތީޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް މަރުޙަބާ ކިޔަމުންދާއިރު، ސަޢުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސަޢުދާއި، ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން ވެސް އިންތިޚާބީ ރައީސަށް ގުޅުއްވައި މަރުޙަބާ ވިދާޅުވެ ވެރިކަން ބަދަލުވުމުގެ މަރުޙަލާ އާމާންކަމާއެކު ދާތަން އެބޭފުޅުންވެސް ދެކެންބޭނުންވާކަމަށް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ