ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވަގުތުން މިނިވަންކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ގޮވާލައްވައިފި އެވެ.
ކާނަލް ނާޒިމް ޖަލުގައި ހުންނަވާތާ މިއަދަށް 1000 ދުވަސް ހަމަވުމާ ގުޅިގެން ރައީސް މައުމޫންގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނާޒިމްގެ ގެއިން ހަނގުރާމަވެރި ހަތިޔާރެއް ފެނުނު ކަމަށް ބުނެ ނާޒިމަށް ޖަލު ހުކުމެއް ކޮށްފައިވަނީ އިންސާފުވެރި ޝަރީއަތަކުން ނޫންކަން އެއީ މިއަދު ދިވެހި އެންމެހާ ރައްޔިތުންނަށް އެނގޭ ހަގީގަތެއް ކަމަށެވެ.
މިބަޔާނުގައި ބުނެފައިވަނީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިން ނާޒިމްގެ ޑީއެންއޭ އަދި އިނގިލީގެ ނިޝާން ވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ހާމަކޮށްފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅުންހުރި ސިޓީއެއް މިއަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު، ކަމާބެހޭ މުއައްސަސާތަކަށް ފޮނުއްވާފައިވާ ކަންވެސް ބަޔާނުގައި ފާހަަގަކުރައްވާފައިވެ އެވެ.
މިސިޓީގައި ރާއްޖޭގެ ޝަރުއީ ކޯޓެއްގައި ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި ތިން ވަޒަނުގެ ހަގީގަތް ހާމަކުރުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ އެކަން ހިއްސާކުރެއްވުމަށް ތައްޔާރަށް ހުންނެވިކަން ބަޔާންކުރައްވާ ނާޒިމްގެ ގެއިން ފެނުނު ހަތިޔާރަކީ ނާޒިމްގެ ތަކެތި ނޫންކަމާއި ނާޒިމަށް އެތަކެތީގެ ހަގީގަތް އެއްވެސް މިންވަރަކަށް އެއްވެސް އިރެއްގައި އެނގިފައި ނުވާނެކަން ޝަރުއީ ހަމަތަކުގެ މަތީން ސާބިތުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަންވެސް މިބަޔާންގައި ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެއިތުރުން ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް، އެމަނިކުފާނުގެ އާއިލާގެ ފަރާތުން އދގެ ވޯކިން ގްރޫޕަށް ހުށަހެޅި މައްސަލަ ނިންމުމުގައިވާ ގޮތުން އެ މައްސަލައިގެ ތަހުގީގު މަރުހަލާގައިވެސް ބޮޑެތި މައްސަލަތަކެއް ހުރި ކަމަށާއި، އަދި ނާޒިމްގެ މައްޗަށް ހިންގާފައިވަނީ މިނިވަން އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް ކަނޑައަޅާފައިވާ ކަމަށްވެސް މިބަޔާނުގައިވެ އެވެ. އަދި ނާޒިމް ވަގުތުން ދޫކޮށްލުމަށާއި އަދި އެކަށީގެންވާ ބަދަލެއް ހޯދައި ދިނުމަށް އދގެ ވޯކިން ގޮރޫޕުން ދިވެހި ސަރުކާރަށް ގޮވާލާފައިވާ ކަމަށްވެސް މިބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"އެހެންކަމުން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް މިހިނދުން މިހިނދަށް މިނިވަންކުރުމަށް ގޮވާލަމެވެ. މީގެ އިތުރުން ސިޔާސީ ބޭނުމަށް، މިނިވަން އިންސާފުވެރި ތަހުގީގެއް ނުހިންގައި ހުކުމްކޮށް ޖަލުގައާއި ގޭ ބަންދުގައި ހުކުމް ތަންފީޒު ކުރަމުންދާ ހުރިހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް އަދި ތަހުގީގު މަރުހަލާގައިވާ ފަރާތްތަކަށް މިނިވަން އިންސާފުވެރި ޝަރީއަތެއްގެ ފުރުސަތު ވީހާވެސް އަވަހަކަށް ދިނުމަށް ސަރުކާރަށް ގޮވާލަމެވެ." މައުމޫން އޮފީހުގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ނާޒިމް ވަގުތުން މިނިވަންކުރުމަށް މައުމޫން ވެސް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ