ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް

ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ އިންތިޙާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފެށިއްޖެއެވެ.
ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ފެށިފައިވަނީ މިއަދު މެންދުރުފަހު 2:00 ގައިއެވެ. މިއަދު ހަވީރު 5:00 އާއި ހަމައަށް ކުރިއަށް ގެންދާ މި ޕްރައިމަރީގެ ވޯޓުލުން މާލޭގެ އިތުރުން ދިއްގަރު، މަޑުއްވަރި، ވޭވަށް، މުލީގައި ކުރިއަށް ދާނެއެވެ.  ދިއްގަރު ދާއިރާގައި ހިމެނޭ ރަތްމަންދޫގައި ޕީޕީއެމްގެ ޕްރައިމަރީ ނުބާއްވައެވެ.
މާލޭގައި ދިރިއުޅޭ ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ދަރުބާރުގޭ ބިއްލޫރި މާލަމުގައި ވޯޓުލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 512 މީހުން ހިމެނެއެވެ.
ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވާނީ މ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަޞީރު އާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާ އަދި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫނެވެ.
ހުސްވެފައިވާ ދިއްގަރު ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި، އަހުމަދު ނާޒިމްއަށް 25 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ