ސަރުކާރު ދެމެހެއްޓުމަށް ދިއްގަރު ދާއިރާގެ ގޮނޑި ޕީޕީއެމްގެ ކެނޑިޑޭޓު ފާރިސް މައުމޫންއަށް ކާމިޔާބުކޮށް ދޭން ގުޅިގެން މަސައްކަތް ކުރުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީއަށްފަހު އެންދެރިމާގޭގައި ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މައުމޫން ރޭ ވިދާޅުވީ ޕީޕީއެމްއިން ބޭއްވި ޕްރައިމަރީއަކީ ވަރަށް ކާމިޔާބު ޕްރައިމަރީއެއް ކަމަށާއި ޕްރައިމަރީގައި ފެނިގެން ދިޔައީ ވަރަށް ރީތި ނަމޫނާއެއް ކަމަށެވެ.
ފާރިސް މައުމޫން އާއި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި މ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރުގެ ފަރާތުން ވެސް ފެނުނީ، ޑިމޮކްރަސީގެ ރީތި ނަމޫނާ ކަމަށް ވިދާޅުވެ، މައުމޫން ވަނީ މޫސާ ނަސީރަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން ނަން އަނބުރާ ގެންދެވި ތިން ބޭފުޅުންނާއި ޕްރައިމަރީގެ ކަންކަން ހަމަޖެއްސުމުގައި މަސައްކތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ރައީސް މައުމޫން ޝުކުރު އަދާކުރެއްވިއެވެ.
ޕްރައިމަރީގައި ކެންޑިޑޭޓަކު ކަނޑައެޅެންދެން، އެ ޕްރައިމަރީއާ ގުޅޭގޮތުން އެއްޗެއް ވިދާޅުނުވެ ހުންނެވީ އެއްވެސް މީހަކަށް ޕާޓީގެ ރައީސް ތާއީދުކުރެއްވުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ފެނިވަޑައިނުގެންނެވުމުން ކަމަށް އެމަނިކުފާނު ރޭ ވަނީ ވިދާޅުވެފައެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންްގައި ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓް ފާރިސް މައުމޫނަށް ކާމިޔާބީ ހޯދައިދޭން، އެ ޕާޓީގެ ލީޑަޝިޕާއި އާއްމު މެމްބަރުން މަސައްކަތް ކޮށްދެއްވުމަށް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.
އެ ރަސްމިއްޔާތުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ.
ސަރުކާރު ދެމެހެއްޓުމަށް ދިއްގަރު ދާއިރާގެ ގޮނޑި ޕީޕީއެމްއަށް ކާމިޔާބު ކޮށްދޭންޖެހޭ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ