ފައިސާ ބޭނުންކުރާ ގޮތާއި ބެހޭ ދިރާސާއެއް ކުރަނީ

ދިވެހިރާއްޖޭގައި ފައިސާ ދެއްކުމުގެ ނިޒާމްތަކުގައި ފައިސާ ބޭނުން ކުރާ ގޮތާއި ވިޔަފާރި މުޢާމަލާތްތަކުގައި ފައިސާ ބޭނުން ކުރާ ގޮތުގެ ދިރާސާ އެއް ކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނިންމައިފިއެވެ.
އެ ދިރާސާގެ ފުރަތަމަ ބައި އަންނަ ހޮނިހިރު ދުވަހު ފަށަން ހަމަޖެހިފައިވާއިރު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މި ދިރާސާ ކުރިއަށްދާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.
ރާއްޖޭގައި ފައިސާ ދެއްކުމުގެ ނިޒާމް، ނުވަތަ ޕޭމަންޓް ސިސްޓަމް އާ ބެހޭ ގޮތުން ކުރާ މި ދިރާސާ މަގުސަދަކީ، އެކި މުޢާމަލާތްތަކުގައި ފައިސާ ދެއްކުމުގައި ދިމާވާ ދަތިތަކާއި މައްސަލަތައް ދެނެގަތުމާއި އެކު ނަގުދު ފައިސާ ބާނުނެކުރުން މަދުކޮށް ވީހާވެސް ފަސޭހަ ނިޒާމަކުން ފައިސާދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް އެމްއެމްއޭ ބުނެއެވެ.
މި ސާރވޭ އާއި ގުޅޭގޮތުން އެމްއެމްއޭ އިން އިތުރަށް ބުނީ، ސާރވޭގައި މަޢްލޫމާތު ނަގާނެ ދާއިރާތަކުގެ ތެރޭގައި، މަސްވެރިކަމާއި، ޢިމާރާތްކުރުމާއި، ފަތުރުވެރިކަމާއި މާލީ ޚިދުމަތާއި ވިޔަފާރީގެ އިތުރުން ދަތުރު ފަތުރާއި މުޢާޞަލާތީ ޚިދުމަތްތައް ފަދަ ޚިދުމަތްތަކުންނެވެ.
ދިރާސާގައި ފުރަތަމަ މަޢްލޫމާތު އެއްކުރުން ކުރިއަށް ދާނީ މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައެވެ.
އަދި ދިރަސާ ކުރިއަށްދާ މި މުއަދަތުގައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00ން އިރުއޮއްސި 6:00ށް އެ އޮތޯރިޓީގެ ޓިމުތައް މަޢްލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ ކަމަށް ވެސް އެމްއެމްއޭ ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ