ލިވަޕޫލް (މާޗް 19) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި ގަލަތަސަރާއި 4-0 އިން ބަލިކޮށް، ލިވަޕޫލުން މުބާރާތުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީއާ ބައްދަލުކުރަން ޖެހިއްޖެ އެވެ.
ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި އިސްތަންބޫލްގައި ކުޅުނު މެޗުން ގަލަތަސަރާއި އިން ވަނީ 1-0 އިން ލިވަޕޫލް ބަލިކޮށްފަ އެވެ. މިއީ، މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މި ނަތީޖާ އިން ގަލަތަސަރާއި އަތުން ލިވަޕޫލް ބަލިވި ދެ ވަނަ ފަހަރެވެ. އެކަމަކު، އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން ލިވަޕޫލުން ގަލަތަސަރާއި އަތުން ރަނގަޅު މޮޅެއް ހޯދައި، މި ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ކުއާޓާ ފައިނަލުގައި ލިވަޕޫލުން ކުޅެން ޖެހެނީ ޕީއެސްޖީއާ އެވެ. މިދިޔަ ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ލިވަޕޫލް ކެޓީ ޕީއެސްޖީއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. ޕީއެސްޖީން ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި، ދެ ލެގުން ވެސް ޗެލްސީ ބަލިކޮށްފަ އެެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި 25 ވަނަ މިނިޓްގައި އެ ޓީމުން ކޯނަރަކުން ލީޑުނެގީ ޑޮމިނިކް ސޮބޯސްލާއި ޖެހި ގޯލަކުންނެވެ. ފުރަތަމަ ހާފުގައި ދެ ވަނަ ގޯލެއް ޖަހަން، ލިވަޕޫލަށް ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާހު ފޮނުވާލި ބޯޅަ ގަލަތަސަރާއިގެ ކީޕަރު، އުގުރްކާން ޗަކީރު ވަނީ މަތަކޮށްފަ އެވެ. ޗަކީރު ވަނީ މި މެޗުގައި ސަލާހު އާއި ފްލޯރިއަން ވާޓްޒް ފޮނުވާލި ރަނގަޅު ހަމަލާތަކެއް ހުއްޓުވައިފަ އެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލުން ތިން ލަނޑު ޖެހިއިރު، ސަލާހު ވަނީ ލަނޑެއް ޖަހައިފަ އެވެ. އަނެއް ދެ ގޯލުގައި ވެސް ސަލާހުގެ ދައުރު ހިމެނެ އެވެ. އެ ގޮތުން، ހޫގޯ އެކިޓީކޭ އަށް ގޯލު ޖަހަން ސަލާހު ފުރުސަތު ހޯދައިދިންއިރު، ރަޔާން ގްރަވެންބާކް ޖެހި ގޯލަކީ، ސަލާހު ފޮނުވާލި ޝޮޓެއް ކީޕަރު، ޗަކީރު އަތުގައި ޖެހިފައި ނުކުތް ރިބައުންސަކުން ޖެހި ގޯލެކެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ބަޔާނުން ވަނީ ދެ ވަަނަ ލެގުގައި 4-1 އިން އެޓަލަންޓާ ބަލިކޮށް، އެގްރިގޭޓަށް ބަލާއިރު، 10-2 އިން މޮޅުވެފަ އެވެ. ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހޭ ބަޔާނަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ ހެރީ ކޭން ދެ ގޯލުގެ އިތުރުން ލެނާޓް ކާލް އާއި ލުއިސް ޑިއާޒް އެވެ.
މި މެޗުގައި ޖެހި ގޯލުތަކާ އެކު، ކޭން ވަނީ ޗެމްޕިއަންސް ލީގުގައި 50 ގޯލު ހަމަކޮށްފަ އެވެ.
ލިވަޕޫލުން ކުއާޓާގައި ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ލިވަޕޫލުން ކުއާޓާގައި ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ