ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އާންމު ހިޔާލު ހޯދުމުގެ ވޯޓުގެ އިދާރީ މަސައްކަތްތައް ކުރަމުން ދިޔަ މައި މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ރޭ އަލިފާން ރޯވުމާ ގުޅިގެން އިންތިހާބާ ގުޅޭ އިދާރީ މަސައްކަތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ރޭ މީޑިއާތަކަށް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ގާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާހާ ގުޅޭ ހިޔާލު ހޯދުމުގެ ވޯޓަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންދިޔަ މަރުކަޒުގައި (ކުރިން ކްރިމިނަލް ކޯޓު ހިންގި އިމާރާތް) ހުރި ލިޔެކިޔުމާއި އެހެން ސާމާނުތައް ރައްކާތެރިކަމާއެކު ސަލާމަތްކޮށްފައިވާ ކަމަށެވެ.
"އިންތިހާބާ ބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވީ ނަމަވެސް، އިންތިހާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ނުލިބޭ ވާހަކަ ދަންނަވަން،" އިލެކްޝަންސް ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ޒާހިދު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިހާބުތައް ބޭއްވުމަށްޓަކައި ކުރާ މަސައްކަތަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.
"ރޭވިފައިވާ ގޮތަށް އޭޕްރީލް 4 ވަނަ ދުވަހު އިންތިހާބު ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވިއެވެ.
އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާން ރޯވެ އެތައް ވަނީ ހުލިވެފައި. --- ފޮޓޯ: ޑިޒާސްޓަ މެނޭޖުމެންޓު ސެންޓަރު
އިންތިހާބާބެހޭ މަރުކަޒުގައި ލިޔެކިޔުމާއި ސާމާނުތައް ރޭ ސޯޝަލް ސެންޓަރަށް ބަދަލުކޮށް، މަސައްކަތްތައް މިއަދު ފެށުމަށް ތައްޔާރު ވާނެ ކަމަށް ވެސް ޒާހިދު ވިދާޅުވި އެވެ.
މިހާރު ކުރިއަށްދާ އެންމެ މުހިއްމު އެއް މަސައްކަތަކީ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ވެސް މިއަދަށް ތާވަލުކުރެވިފައިވާ ވަގުތުތަކުގައި ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެ ކަމަށް ވެސް ޒާހިދު ވިދާޅުވި އެވެ.
އަލިފާން ރޯވި އިމާރާތަށް އަލުން ވަނުމުގެ ހުއްދަ އެމްއެންޑީއެފުން ދެންދެން، ކޮމިޝަންގެ ހުރިހާ އިދާރީ ހަރަކާތްތަކެއް ހިނގަމުންދާނީ ސޯޝަލް ސެންޓަރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިހާބާބެހޭ މަރުކަޒު ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިހާބާބެހޭ މަރުކަޒު ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ