ނިއުކާސަލަށް ފެންވަރު ދައްކާލައި ބާސެލޯނާ ކުއާޓާ އަށް ނިއުކާސަލަށް ފެންވަރު ދައްކާލައި ބާސެލޯނާ ކުއާޓާ އަށް

ބާސެލޯނާ (މާޗް 19) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި، އަމިއްލަ ދަނޑުގައި 7-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، އެ ޓީމަށް ފެންވަރު ދައްކާލައި ބާސެލޯނާ އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިދިޔަ ހަފްތާގައި ނިއުކާސަލް ދަނޑުގައި ކުޅުނު މެޗުގައި ފަހު ވަގުތު ޕެނަލްޓީ ޖަހައިގެން، ބާސެލޯނާ 1-1 އިން އެއްވަރުކުރިިއިރު، ދެ ވަނަ ލެގުގައި ރޭ ހޯދި ތަފާތު ބޮޑު މޮޅާ އެކު، ބާސެލޯނާ އެގްރިގޭޓުން ކުރިހޯދީ 8-3 އިންނެވެ.
ބާސެލޯނާގެ ދަނޑު ކޭމްޕް ނޯގައި ރޭ ކުޅުނު މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ރަފީނިއާ ވަނީ ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، މެޗުގެ 15 ވަނަ މިނިޓްގައި، އެންތަނީ އެލަންގާ ވަނީ ނިއުކާސަލަށް އެއްވަރުކޮށްދީފަ އެވެ. ބާސެލޯނާ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ 18 ވަނަ މިނިޓްގައި މާކް ބާނާލް، އޭރިއާތެރެއިން ކާމިޔާބުކުރި ގޯލުންނެވެ. އެކަމަކު، މެޗުގެ 28 ވަނަ މިނިޓްގައި އެލަންގާ ވަނީ އިތުރު ގޯލެއް ޖަހައި، ނިއުކާސަލަށް އެއްވަރުކޮށްދީފަ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުުތުގެ ހަތް ވަނަ މިނިޓްގައި، ލަމީން ޔަމާލް ވަނީ ޕެނަލްޓީ އަކުން ލަނޑު ޖަހައި، ހާފު ނިމުމުގެ ކުރިން ބާސެލޯނާ އަށް ލީޑުނަގައިދީފަ އެެވެ. މިއީ، މެޗުގައި ނަތީޖާ ނެރުމަށް ބާސެލޯނާ އަށް ބޮޑު ހިތްވަރެއް ލިބުނު ކަމެކެވެ. ދެ ވަނަ ހާފު ފަށައިގެން، ފާމިން ލޮޕޭޒް ވަނީ ލަނޑު ޖަހައި، ލީޑުފުޅާކޮށްދީ ބާސެލޯނާ އަށް މެޗުގެ ކޮންޓްރޯލް ހޯދައިދީފަ އެވެ.
މި ހާފުގައި ބާސެލޯނާގެ އަނެއް ތިން ލަނޑު ޖެހީ، ރޮބަޓް ލެވަންޑޯސްކީ ދެ ގޯލުގެ އިތުރުން ރަފީނިއާ އެވެ.
ބާސެލޯނާ އިން ކުއާޓާގައި ކުޅޭނީ އެތުލެޓިކޯ މެޑްރިޑާ އެވެ. އެތުލެޓިކޯ އިން ރޭ ވަނީ ޓޮޓެންހަމް ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން 3-2 އިން ބަލިވެފަ އެވެ. އެކަމަކު، އެގްރިގޭޓަށް ބަލާއިރު، ޓޮޓެންހަމް އިން ކުރިހޯދީ 7-5 އިންނެވެ.
ރަންޑަލް ކޯލޯ މުއާނީގެ ލަނޑުން ޓޮޓެންހަމް ލީޑުނެގި މި މެޗުގައި، ޖޫލިއަން އަލްވަރޭޒް ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅުގައި އެތުލެޓިކޯ އަށް އެއްވަރުކޮށްދީފަ އެވެ. ޒަވީ ސިމޯންސްގެ ގޯލުން ޓޮޓެންހަމް އިން އަލުން ލީޑުނެގިއިރު، ޑޭވިޑް ހެންކޯ ލަނޑު ޖަހައި، އެތުލެޓިކޯ އަށް އެއްވަރުކޮށްދިނެވެ. އިތުރު ވަގުތުގައި ޓޮޓެންހަމް މޮޅުވި ލަނޑު ޖެހީ ޕެނަލްޓީ އަކުން ޒަވީ ސިމޯންސް އެވެ.
މިއީ، އީގޯ ޓޫޑޯ ހަވާލުވި ފަހުން، ޓޮޓެންހަމް އިން މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. ފުރަތަމަ ހަތަރު މެޗުން ބަލިވި ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ 1-1 އިން އެއްވަރުކޮށް، އެތުލެޓިކޯ އަތުން މި ވަނީ މޮޅެއް ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ