ކެމިކަލް ގުދަނުގައި ރޯވުން: އިވެކުއޭޝަން ސެންޓަރަށް 454 މީހުން

ކެމިކަލް އަދި ގަސްކާނާ ފަދަ ތަކެތި ބަހައްޓާފައި ހުރި ޕްރައިމް ފާޓިލައިޒާސްގެ ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކުރި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ރޭ އަލިފާން ރޯވީ ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގަ އެވެ. 
މިއީ ޕްރައިމް ފާޓިލައިޒާސް ކުންފުނީގެ މައި ގުދަނެވެ. މި ގުދަނުގައި ބަހައްޓަނީ، އެނގިފައިވާ ގޮތުގައި، ކެމިކަލް އަދި ގަސްކާނާ ފަދަ ތަކެއްޗެވެ.
ތަފްސީލު - އެންޑީއެމްއޭއިން ވަނީ އެ ހާދިސާއާ ގުޅިގެން ސޯޝަލް ސެންޓަރުގައި އެމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ގާއިމްކޮށްފަ އެވެ.
އެންޑީއެމްއޭއިން ބުނީ އެ ހާދިސާއާ ގުޅިގެން ރޭ ދަންވަރު 2:30އާ ހަމައަށް:
15 ގެއަކުން 454 މީހުން އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރި
އެއީ 69 އަންހެނުންނާއި 385 ފިރިހެނުން؛ އޭގެ ތެރޭގައި 203 ބިދޭސީ މަސައްކަތްތެރިން ވެސް ހިމެނޭ
ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް އެ އޮތޯރިޓީއިން ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައި
280 ބިދޭސީންނާ އެމީހުންގެ ވެރިފަރާތުން ވަނީ ހަވާލުވެފައި؛ 20 ބިދޭސީއަކަށް ދިވެހި ރެޑް ކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދިން
އޭގެ އިތުރުން އެންޑީއެމްއޭއިން ބުނި ގޮތުގައި ބައެއް އާއިލާތަކުން ވަނީ ވަގުތީ ގޮތުން އާއިލީ އެހެން ގޭގެއަށް ވެސް ބަދަލުވެފަ އެވެ.
އެގޮތަށް ފާހަގަކުރެވޭ 15 ގެއެއް ހުރިއިރު، އެ ހުރިހާ ގެތަކެއް ވެސް ހުސްކުރަން ޖެހުނީ، އެ އޮތޯރިޓީއިން ބުނި ގޮތުގައި ބޯދުމުގެ ސަބަބުންނެވެ.
މި ހާދިސާގައި އަސަރުކޮށްގެން ހަތް މީހަކަށް ހޮސްޕިޓަލުން ވަނީ ފަރުވާދީފަ އެވެ. އެންޑީއެމްއޭއިން ބުނީ އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ