މޫސުން ގޯސްވުމުގެ ސަބަބުން މަލިކަށް ރެޑް ނޯޓިސް ނެރެފި

ތޫފާން އޯޗީގެ ސަބަބުން ކުރަމުންދާ ވިއްސާރައިގެ ތެރެއިން، މަލިކު ހިމެނޭ ލަކްޝަދީބްގެ ރަށްތަކަށް ރެޑް ނޯޓިސް ނެރެފި އެވެ.
ކުރިއަށް އޮތް 12 ގަޑި އިރު ތެރޭގައި އެސަރަހައްދަށް ވިއްސާރަކޮށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ލަފާ ކޮށްފައިވަނިކޮށް މަލިކަށް ރެޑް ނޯޓިސް ނެރެފައި މި ވަނީ މޫސުން އެޔަށްވުރެ ގޯސްވެދާނެކަމަށް ލަފާކޮށް އާންމުންގެ ސަމާލުކަމަށް ގެނަސް ރައްކާވެ ތިބުމަށްޓަކައެވެ.
ތޫފާން އޯޗީގެ ސަބަބުން އެންމެ ބޮޑަށް ގަދަ ވަޔާއެކު ވިއްސާރަ ކުރަމުން ދަނީ ވެސް ލަކްޝަދީބުގެ ރަށްތަކަށެވެ.
އަދި ކުރިއަށް އޮތް 12 ގަޑި އިރު ތެރޭ ވައިބާރުވެ ކަނޑު ގަދަ ވުމުގެ ސަބަބުން ލަކްޝަދީޕުގެ 10 ރަށަކަށް 16 ފޫޓާއި 24 ފޫޓާއި ދެމެދުގެ އުސް ރާޅުތަކެއް އަރާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ.
ލަކްޝަދީބުގެ އިތުރުން އިންޑިއާގެ ކެރެލާ އަދި ޓެމްލް ނާޑޫއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން މި ދެ ސްޓޭޓުގައި ތޫފާނުގެ ސަބަބުން ޖުމްލަ 13 މީހުން މަރުވެފައިވާ އިރު ގެއްލިފައިވާ 80 މަސްވެރިން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
ތޫފާން އޯޗީގެ ސަބަބުން ރާއްޖެ، އިންޑިއާ، އަދި ސްރީލަންކާގެ އިތުރުން 10700 އަށް ވުރެ ގިނަ އަދަދަކަށް މީހުން ދިރިއުޅޭ މަލިކަށްވެސް ވެސް ދަނީ ގަދަ ވަޔާއެކު ވިއްސާރަކުރަމުންނެވެ. އަދި މިހާތަނަށް މީހަކު މަރުވެފައި ނުވި ނަމަވެސް މަލިކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ