މެމްބަރު އަލީ ހުސައިން ހައްޔަރުކޮށްފި

އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހައްޔަރު ކޮށްފިއެވެ.
އަލީ ހުސައިން ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެރޭ މުޒާހަރާގައި ބައިވެރިންގެ ތެރޭގައި ހުންނަވަނިކޮށް މަޖީދީމަގު ޗާންދަނީ މަގު ހަތަރު އަނގޮޅި ސަރަހައްދުންނެވެ. އަލީ ހުސައިންގެ އިތުރުންވެސް އެއްވުމުގެ ބައެއް ބައިވެރިންވަނީ ހައްޔަރުކޮށްފައެވެ.
ނަމަވެސް ހައްޔަރުކުރީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ.
މުޒާހަރާގެ ބައިވެރިން މިރޭވެސް މަގުތަކަށް ނިކުމެފައިވާއިރު ރޭގެ އެއްވުމުގެ ތެރެއިންވެސް މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރު ކުރިއެވެ. ނަމަވެސް ފަހުންވަނީ މެމްބަރުން ދޫކޮށްލާފައެވެ.
ސްޕްރީމް ކޯޓުން މިމަހުގެ އެއް ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލަމުން ދާ މިމުޒާހަރާތަކުގެ ތެރެއިން ރޭވެސްވަނީ މަގުތަކަށް ނިކުމެފައެވެ. އަދި އިއްޔެރޭ ބައިވެރިން އިހްތިޖާޖު ހުއްޓާލާ ގެއަށް ވަދެފައިވަނީ ފަތިސްވުމާއި ގާތްވެފައި ވަނިކޮށެވެ.
އިއްޔެ ރޭ އެއްވުމުގެ ތެރެއިން ނޫސްވެރިންނަށް ހުރަސްއާޅާ ފުލުހުން ބާރުގެ ބޭނުން ކުރުމުން ގިނަ އަދަދެއްގެ ނޫސްވެރިންނަށްވަނީ އަނިޔާވެސް ވެފައެވެ. އަނިޔާވި ބައެއް ނޫސްވެރިންނަށް އަދިވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ