ނަޝީދަށް ދޭން އުޅުނު ކަމަށް ބުނާ ހަމަލާ މައުމޫން ކުށްވެރިކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސްރީލަންކާގައި ދޭން އުޅުނު ކަމަށް ބުނާ ހަމަލާ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުށްވެރިކުރައްވައިފި އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ނަޝީދު ނިންމަވާފައިވަނިކޮށް އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ އެ ބައްދަލުވުން ކެންސަލްކުރަން ޖެހުމުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އިސްލާހަށް މަސައްކަތް ކުރާ ފަރާތްތަކުން އެފަދަ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
މިވަގުތު ލަންކާގައި ހުންނެވި ރައީސް ނަޝީދު ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައި އޮތީ މާދަމާގެ ވަގުތެއްގަ އެވެ. ނަމަވެސް މިބައްދަލުވުން މިހާރު ވަނީ ކެންސަލްކޮށްފަ އެވެ.
އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ ރައީސް ނަޝީދު ދިވެހިންނާ ބައްދަލުކުރެއްވުމަށް އިންތިޒާމުކުރި ބައްދަލުވުން ނުބާއްވަން ނިންމީ އެ ބައްދަލުވުމާ ދިމާކޮށް ދިވެހިންގެ ބަޔަކު ހަމަނުޖެހުމެއް ހިންގަން ރާވާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.
ރައީސް ނަޝީދު ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް ބާއްވާ ހަފްލާ އިންތިޒާމުކުރުމުގެ ހުރިހާ ކަމެއް ކުރަމުން ގެންދިޔައީ ލަންކާގައި ހަރަކާތްތެރިވާ އެމްޑީޕީގެ ގޮފިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ